English Edition
Dhivehi Edition
ފެމިލީ ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފަށައި، ‘ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބާއްވައި ކައިވެނީ ޢަޤުދު ކޮށްދިނުމުގެ އުޞޫލު’ އާންމުކޮށްފި އެވެ.

އިއްޔެ އާންމުކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުން، ކައިވެނީގެ މަޖިލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ އިސްޤާޟީއާ މަޝްވަރާކުރުމަށްފަހު، ކައިވެނީގެ ރެޖިސްޓްރާރ އެވެ. އެގޮތުން ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ އެކަށީގެންވާ ވަގުތުކޮޅެއް ކުރިން، ވީޑިއޯ ކޮންފަރެންސް ކުރާ ޕްލެޓްފޯމަށް ލޮގިން ކުރަންޖެހޭނެ އެވެ.

މީގެ އިތުރުން އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން ކައިވެނިވާ ދެ ފރާތުންނާއި ވަލީވެރިޔާ އާއި ހެކިވެރިން ސޮއިކޮށްފައިވާ އިޤުރާރު ހުށަހަޅަންޖެހޭނެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވިނަމަވެސް، ކައިވެނި ކޮށްދޭނީ އާންމު އުސޫލުން ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި ކައިވެނިކުރާ ފަރާތްތަކަށް ކޯޓުން ދޭނީ ޚާއްސަ ނަންބަރެއް ޖަހައި، ވަގުތީ ލިޔުމެކެވެ. އަދި އެ ލިޔުން ފޮނުވާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ނުވަތަ އެފަރާތެއް ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ކަމަށާއި، ނަމަވެސް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައިވެނީގެ އަސްލު ސެޓްފިކެޓް އެފަރާތްތަކަށް ފަހުން ދޫކުރެވޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

އެ އުސޫލަށް ޢަމަލުކުރަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ.