ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި ކުރިއަށް އޮތް ދެ ސީޒަނުގައި ވާދަނުކުރެވޭ ގޮތަށް، ޔުއެފާ އިން މެންޗެސްޓާ ސިޓީ އަށް ދީފައިވާ އަދަބުން ލުޔެއް ނުލިބިއްޖެނަމަ އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ދީފި އެވެ.
ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އާ ހިލާފުވެފައިވާތީ، އެ ކަމަށް އަދަބެއްގެ ގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގައި ކުރިއަށް އޮތް ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ސިޓީ ސަސްޕެންޑްކޮށް 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައެވެ.
ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ ސިޓީން އެ މައްސަލަ އެޕީލްކޮށް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާ ކަމަށާއި، އެކަމަކު އެ ގޮތަށް ކަންތައް ނުވެއްޖެނަމަ އެއީ ކުރިމަތިވާނެ އުނދަގޫ ހާލަތެއް ކަމަށެވެ.
“ސިޓީގެ އެޕީލާ ބެހޭގޮތުން ގޮތެއް ނިމުނުހާ އަވަހަކަށް އަހަރެން ދެން ހުރި ކަންތައްތަކާ މެދު ވިސްނާނަން. ދެ އަހަރު ދުވަހަކީ ވަރަށް ގިނަ ދުވަސް. މިސާލަކަށް އެއް އަހަރުގެ ސަސްޕެންޝަނެއް ނަމަ އެއީ އުނދަގުލަކަށް ނުވެދާނެ. ކްލަބަށް އިތުބާރުކުރަން މި ވަގުތު މި ހުރީ ރަނގަޅު ވާނެ ކަމުގެ އުއްމީދުގައި،” ޑިބްރޭނާ ބުންޏެވެ.
އުމުރުން 28 އަހަރުގެ ޑިބްރޭނާ ވަނީ ސިޓީން އޭނާގެ މުސްތަގްބަލާމެދު ކޮންމެވެސް ވަރަކަށް މަޝްވަރާގެ ވާހަކަތައް ދެކެވިފައިވާކަމަށާއި، އެ ކްލަބުގައި މިހާތަނަށް ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ބުނެފައެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެންމެ ވާދަވެރި ލީގުގައި ސިޓީ ފަދަ ވަރުގަދަ ޓީމަކަށް ކުޅެވުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ބެލްޖިއަމްގެ ގެންކުން ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި ޑިބްރޭނާ ވަނީ 2015 ވަނަ އަހަރު ޖަރުމަނުގެ ވީއެފްއެލް ވުލްފްސްބާގުން 76 މިލިއަން ޔޫރޯގެ އަގަކަށް ސިޓީ އަށް ބަދަލުވެ މިހާތަނަށް އައިއިރު އެ ޓީމަށް ކުޅެދިން 209 މެޗުގައި 50 ލަނޑުޖަހައިދީ، އިތުރު 86 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.