English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ބަންގްލަދޭޝް އިން ރެކޯޑް އަދަދެއް ކަމަށްވާ 665 މީހުން އިއްޔެ ޕޮޒިޓިވްވެއްޖެއެވެ.

މިއީ މިދިޔަ މާރިޗް މަހުގެ 8 ވަނަ ދުވަހުގައި ބަންގްލަދޭޝް އިން މި ބަލި އެންމެ ފުރަތަމަ ފެނުނު ފަހުން އެއް ދުވަހުގެ ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްކަމަށް އެ ގައުމުގެ ސަރުކާރުގެ ނޫސް އެޖެންސީ ބަންގްލަދޭޝް ސަންގްބާދު ސަންގްސްތާ (ބީއެސްއެސް) އިން ބުނެއެވެ.

މުޅި ދުނިޔެ އަށް ދިމާވެފައިވާ މި ބަލިމަޑުކަމާ ގުޅޭގޮތުން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި މި ކަމުން އަރައިގަތުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން އެ ގައުމުގެ 56 ޑިސްޓްރިކްޓްގެ އިސް އޮފިޝަލުންނާ މަޝްވަރާކޮށްފައެވެ.

އެގޮތުން، އެ ކަމަނާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން މި ބަލިމަޑުކަމާ ގުޅިގެން އިގްތިޞާދީގޮތުން އެ ގައުމަށް ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސްޓިމިއުލަސް ޕެކޭޖްތަކެއް ތަޢާރަފްކޮށް، މި ރޯގާ ކޮންޓްރޯލްކުރުމަށްޓަކައި އަޅާނެ ވަކި ވަކި ފިޔަވަޅުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

ދެކުނު އޭޝިއާގައި އާބާދީގެ ގޮތުން ބައިބޯ އެއްގައުމުކަމަށްވާ ބަންގްލަދޭޝް އިން މިހާތަނަށް 9،455 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 177 މީހުން ވަނީ މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ދެ މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ހަލުވިކަމާއެކު ފެތުރެންފެށި ކޮވިޑް-19ގެ ބިރުވެރިކަން މިވަނީ ދިވެހިރާއްޖެ އަށް ވެސް ކުރިމަތިވެފައެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައިވާގޮތުގައި ރާއްޖޭގައި މިހާތަނަށް ބަލިޖެހުނު 527 މީހުންގެ ތެރެއިން ގާތްގަނޑަކަށް 59 އިންސައްތަ މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އަދި މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި 34 އިންސައްތަ މީހުންނަކީ ދިވެހިންނެވެ.