English Edition
Dhivehi Edition

ގައުމެއް ބިނާކުރުމުގައި މީޑިޔާގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޮޑްކާސްޓިންގ ޑިވަލޮޕްމަންޓް (އޭ.އައި.ޑީ.ބީ)ގެ 16 ވަނަ ޖެނެރަލް ކޮންފަރަންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މީޑިޔާއަކީ ޤައުމެއްގެ ޑިމޮކްރަސީ އަދި ސަރުކާރު ކުރިއެރުމަށް ބޭނުންވާ މައިގަނޑު އެއް ވަސީލަތްކަން ފާހަގަކުރައްވަމުން، މީޑިޔާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބުކަމަށް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރީގައި ބޭނުން ކުރެވުނު މީޑިޔާ ވަސީލަތްތަކާ ޚިލާފަށް ސޯޝަލް މީޑިޔާއަކީ ފަސޭހަކަމާއެކު ހުރިހާ މީހުންނަށްވެސް ބޭނުންކުރެވޭ ވަސީލަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ސޯޝަލް މީޑިޔާއާ އެހެން މީޑިޔާތަކާ ހުރި މައިގަނޑު ތަފާތަކީ ދެ ފަރާތުގެ ދެމެދުގައި ފަސޭހަކަމާއެކު މުޢާމަލާތްކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އޭ.އައި.ޑީ.ބީއިން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކަށް ދެއްވާ އެހީތެރިކަމާ ޓްރޭނިންގގެ ފުރުސަތުތަކަށާ މީޑިއާގައި މަސައްކަތްކުރާނެ ބޭފުޅުން ބިނާކުރުމަށް ދެއްވާ ފުރުސަތުތަކަށް ޝުކުރުއަދާކުރެއްވިއެވެ.