ރާއްޖެއިން ބޭރުން ފިޔާ އަދި ބިސް ހިފައިގެން މާލެއައި މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޑެޓްގެ “ނިއުމަތު 2 ” ގައި ހުރި މުދާ ނުބޭލި ލަސްވުމުގެ ސަބަބުން ގިނަ މުދާ ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މާލެ އެމްޕީއެލް ސަރަހައްދުގައި އެޕްރީލް މަހު 27 ވަނަ ދުވަހު ބަނދަރުކޮށްފައިވާ މި ބޯޓަކީ އިންޑިއާއިން މުދާ ހިފައިގެން މާލެ އައި ބޯޓެކެވެ. މިޑްސީގެ ފަރާތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވެފައިވަނީ ބޯޓުން ގެނެސްފައި ހުރި ސާމާނުގެ ތެރޭގައި 8000 ކޭސް ބިސް ހިމެނޭއިރު 3 ދުވަސް ތެރޭގައި ބޯޓުން ބޭލިފައިވަނީ އެންމެ 1000 ކޭސް ބިސް ކަމަށެވެ.
“މިހާ ލަސްކޮށް މި ތަކެތި އަންލޯޑް ކުރެވޭ ކަމަށް ވާނަމަ ބޯޓުގައި ހުރި ގިނަ ސާމާނު ހަލާކުވެގެން ދާނީ. މިހާރުވެސް ގިނަ ތަކެތި އެދަނީ ހަލާކުވަމުން. މިހާރުވެސް ތަރުކާރީ އާއި މޭވާ ހިފައިގެން އަންނަ އަޅުގަނޑުމެންގެ އިތުރު ބޯޓެއް އައުމުގެ މަގުމަތީގައި އެވަނީ އެބޯޓު އަންނަ އާދީއްތަ ދުވަހު އަންނާނެ. އެކަމަކު އަންލޯޑު ކުރުމުގައި މިހާ ބޮޑު ޑިލޭއެއް އަންނަ ކަމަށްވާނަމަ ވަރަށް ބޮޑު ގެއްލުމެއް މިވަނީ. މިގޮތަށް ވާނަމަ މުދާ އެތެރެ ކުރުން ހުއްޓާލަން ޖެހޭނީ” ކުންފުނިން ބުނެފައިވެއެވެ.
ނިއުމަތު -2 މާލެ އަށް ބަނދަރުކޮށް ޖެހިގެން އައިދުވަހު ކްލިއަރެންސް ހަދާފައިވާއިރު އެބޯޓުން އެންމެ ފުރަތަމަ މުދާ ބާލަން ފަށާފައިވަނީ އެޕްރީލް 28 ވަނަ ދުވަހުގެ 19:35 ގައެވެ.
އެމްޕީއެލްގެ މުވައްޒަފުން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކު 1 ގަޑި އިރަށް ކަމަށާއި އެގޮތަށް މަސައްކަތް ކޮށްގެން ބޯޓުން ސާމާނު ބާލަން ގިނަ ދުވަސް ތަކެއް ނަގާނެ ކަމަށް އެ ބޯޓުން ބުނެއެވެ. އަދި މިފަދަ ބޮޑު ޑިލޭއެއް އަންނަ ނަމަ މުދަލުގެ އަގު މަތިވެގެން ދާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
“އަޅުގަނޑުމެންވެސް ގަބޫލުކުރަން ލޮކްޑައުން އެއްގައި ހުރިހާ މުވައްޒަފުން ނެރެގެން ގިނަވަގުތު މަސައްކަތް ނުކުރެވޭނެކަން. އެކަމަކު ސަރުކާރުން މިކަމަށް ކޮންމެވެސް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވަން އެބަ ޖެހޭ. މުދާ ބޭލުމުގައި ޑިލޭ އައުމުގެ ސަބަބުން ގިނަ ތަކެތި ހަލާކުވެ ސާމާނުގެ އަގު އުފެލެމުން ދާނީ” މިޑްސީން ބުނެއެވެ.
މީގެ ކުރިން ވެސް މުދާ ބޭލުމުގައި އަންނަ މިފަދަ ޑިލޭ ތަކާއި ގުޅިގެން އިތުރު ބިދޭސީން ގެނެސް ގެން މުދާ ބޭލުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް މިހާރު އެގޮތަށް ވެސް ކުރެވެން ނެތް ކަމަށާއި އެމްއެންޑީއެފްގެ ސަޕޯޓް ނަމަވެސް ލިބުމަކީ އެދޭ ކަމެއްކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
މިޑްސީ ޝިޕިން ލައިން ގެ ބޯޓުތަކުން ރާއްޖެއަށް ޕެރިޝަބަލް ގެންނަ އިރު ހަފްތާއަކު 1 ފަހަރު މާލެއަށް އަދި މަހަކު އެއްފަހަރު އައްޑޫއަށް މުދާހިފައިގެން އާދެއެވެ. މާލޭގެ މުޅި ބާޒާރު މަތީގައި އެންމެ ގިނައިން ފެންނަން ހުންނަނީ ވެސް މިޑްސީ ގެ ބޯޓު ތަކުން ގެންނަ ތަރުކާރީއާއި މޭވާއެވެ. މި ބޯޓު ތައް އިންޑިއާގެ ޓިއުޓިކޮރިން ޕޯޓުން ބަރުކުރާއިރު މަހެއްގެ މައްޗަށް 2500 ޓަނުގެ ޕެރިޝަބަލް ރާއްޖެ އަށް ގެނެއެވެ.
މިޑްސީ އިން ބުނީ މިދުވަސްވަރު އިންޑިއާއިން ވެސް ސާމާން ލިބުން ނުހަނު ދަތިކަމަކަށް ވެފައިވާއިރު މިފަދަ ދަނޑިވަޅެއްގައި ނުހަނު ހާލުން ގެންނަ މުދާ މިގޮތަށް ހަލާކުވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިގޮތަށް މިކަންތައްތައް ތަކުރާރުވާނަމަ މުދާ ގެނައުން ހުއްޓާލައިން ޖެހިދާނެ ކަމަށެވެ.