English Edition
Dhivehi Edition
ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް 2019ގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: އެންއައިއީ

2020 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކުރުމަށް ނިންމައިފި އެވެ.

އެޑިޔުކޭޝަމް މިނިސްޓަރ ޢައިޝަތު ޢަލީ ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މި އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާންތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާންތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ނުފެންނާތީ، މި އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްއީ އިމްތިހާނު އެދުވަސްވަރުގައި ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބަދަލު ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މި ބަދަލާ ގުޅިގެން ގްރޭޑް 11 އަދި 12ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ސާނަވީ ނިންމާ އިމްތިހާންތައް ފަސްކުރަން ނިންމާފައިވާއިރު، މިހާތަނަށް ރާއްޖެއިން 277 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ނަމަވެސް، މިހާތަނަށް 125 ދިވެއްސަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.