ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އާންމުކުރުމަށް ހެލްތު މިނިސްޓްރީން ޤާއިމްކޮށްފައިވާ ޑޭޝްބޯޑުން ދައްކާ ގޮތުގައި މިހާރު ޕޮޒިޓިވްވެފައި ވަނީ 13 ދިވެހިންނެވެ. އަދި އެ އެންމެންނަކީވެސް އުމުރުން 19 އަހަރާއި 52 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ.
މިއަދު މިހާތަނަށް 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.
މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 269 އަށް އަރައިފަ އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް 117 ދިވެހިން ޕޮޒިޓިވްވެފައިވާއިރު، ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން 115 ބަންގްލަދޭޝް މީހުން ވަނީ ރާއްޖެއިން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެދުވަހު ޖުމްލަ 73 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މާލޭގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން މިއަދު ނިންމައިފަ އެވެ.