English Edition
Dhivehi Edition

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަރުވި އެ އަތޮޅު މަޑަވެލީ އުމުރުން ދުވަސްވީ މީހާ ވަޅުލާފައިވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށްފަހު އޮންނަ އުޞޫލުގެ މަތިން ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އަށް ޝައްކުކުރެވިގެން އެމީހާގެ ސާމްޕަލް ނަގާފައި ވިޔަސް އަދި މާލެއާ ހަމައަށް ނާންނަ ކަމަށް ވިދާޅުވެ މަބްރޫކް ވިދާޅުވީ ވާނުވާ ނޭނގި މީހަކު މަރުވެއްޖެނަމަ ކޮވިޑް-19 އާއި ގުޅޭ ޢަލާމާތެއް ހުރިތޯ ބެލުމަށް ޓެސްޓް ކުރެވެނޭ ކަމަށެވެ.

“އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހާ ކޮވިޑް-19 އަށް ލަފާ ކުރެވުނު ނަމަ ހޮސްޕިޓަލުން ޓެސްޓް ކުރާނެ، އެމީހާއަކީ ސާރީ ނުވަތަ ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ އިލްނެސްގެ ކޭސްއެއްގެ ގޮތަށް ހޮސްޕިޓަލުގައި ފަރުވާދެވުނު މީހެއް. އޭނާގެ ސާމްޕަލް ނެގުނު ސާރީ ކޭސްއެއްގައި ނަތީޖާ ލިބެންދެން ޕްރިކޯޝަންސްއާއި އެކީގައި މަސައްކަތް ކުރަން އެސްއޯޕީގައި ބުނެފައިވާނީ. ތިނަދޫގައި ނިޔާވިކަމަށް ބުނާ މީހާއަކީ އެހެން ރަށެއްގެ މީހެއް. އެޑްމިޓް ކުރެވުނީ ފުއްޕާމޭގެ ބައްޔަކާއި ގުޅިގެން. އޭނާ މަރުވުމާއި ގުޅިގެން ކަށުކަމާކެމީގެ ކަންކަން ކުރެއްވި ޓީމަކީ މިކަންކަން ކުރުމަށް އަޅުގަނޑުމެން ހިންގާފައިވާ ޓްރެއިނިންގެ ތެރެއިން މި މަސައްކަތް ކުރަން އެނގޭނެ ޓީމެއް ކަމަށް އަދި އެބޭފުޅުންނަށް މިކަމަށް ބޭނުންވާ ޕީޕީއީ ފޯރުކޮށްދީފައި ހުންނާނެ،” މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ހޮސްޕިޓަލްތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ގައި ބުނެފައި އޮންނަ ގޮތުން މިހާލަތުގައި މަރުވާ މީހުން ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ނަގައި، ޓެސްޓްކުރާ އިރު، ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ އެ ބަލީގައި މަރުވާ މީހެއްގެ ޖަނާޒާ ކުރިއަށް ގެންދާ އުސޫލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ. ތިނަދޫގައި މަރުވި އުމުރުން ދުވަސްވީ މީހާގެ ޖަނާޒާ ރައްކާތެެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދިޔައީ އެހެންވެ ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން އެމީހާގެ މޫނު ދެއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހުގައި ކަމަށާއި، އެމީހާގެ ޢާއިލާއިން ގދ. މަޑަވެއްޔަށް ގެންދިއުމަށް އެދިވަޑައިގެންނެވި ނަމަވެސް ޕްރިކޯޝަންސްގެ ގޮތުން އެގޮތަށް ރަށަށް އަނބުރާ ގެންދިއުމުގެ ކަންތައްތައް ނުކުރަން ނިންމާ ތިނަދޫގައި ވަޅުލުމުގެ ކަންކަން ކުރުމަށް ނިންމާފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

87 އަހަރުގެ މި މީހާގެ ކަށުކަމާކެމީގެ ކަންކަން ގެންދިޔަގޮތާމެދު ޢާއިލާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި ވަޅުލާފައިވަނީ ނުހިނަވާ ތަޔަމްމަމް ކޮށްގެން ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.