ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގްގެ ޙާލަތަށް ގެނެސްފައިވާ ނ. ކެނދިކުޅުދޫ އަށް، ހުއްދަ ނެތި ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 00:53 ހާއިރު ނ. މާޅެންދޫ އިން ދެ މީހަކު އެރަށު ޓާސްކް ފޯސް އަށް ނޭނގި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކެނދިކުޅުދޫ އަށް ހުއްދަ ނުހޯދައި ދިއުމަށްފަހު އެނބުރި މާޅެންދޫ އަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެމީހުން އެރަށަށް ގޮސްފައިވަނީ ކުޑަ ދޯންޏެއްގައި ކަމަށާއި، އެމީހުން ދިޔައީ ދޯނީގެ ވެރިފަރާތުގެ ހުއްދަވެސް ނުހޯދައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އުމުރުން 37 އަހަރުގެ މީހަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފަ އެވެ.
މީގެ އިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.