އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން އަދި މަޝްހޫރި ފިލްމީތަރި މޭގަން މާކެލް މި އަހަރުގެ ބަހާރު މޫސުން ފެށޭ ހިސާބުގައި ޝާހީ ލަގަބުތައް ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ބަހާރު މޫސުން ފެށުމާއި އެކު ޕްރިންސް ހެރީ އާއި މޭގަން މާކެލް އެބޭފުޅުން ޝާހީ ލަގަބު ދޫކޮށްލާނެ ކަމަށެވެ.
ޕްރިންސް ހެރީ ޝާހީ ލަގަބެއްގެ ގޮތުގައި ބޭނުންކުރަނީ ޑުކް އޮފް ސަސެކްސް އެވެ. އަދި މޭގަން މާކެލް އަށް ޝާހީ ލަގަބެއްގެ ގޮތުގައި ބޭނުން ކުރަނީ ޑަޗްސް އޮފް ސަސެކްސް އެވެ.
މާޗް މަހުގެ 20 ގައި އިނގިރޭސިވިލާތަށް ބަހާރު މޫސުން ފެށޭއިރު ޕްރިންސް ހެރީ އާއި މެގަން އެހިސާބުގައި ޝާހީ އާއިލާގެ ރަސްމީ ލަގަބު ދޫކޮށްލަން ނިންމާފައިވާއިރު އެހިސާބުން މިދެބޭފުޅުންނަށް ސެކިއުރިޓީ ދޭނެގޮތުގެ ފުރިހަމަ ތަފްސީލެއް މިހާތަނަށް ޝާހީ ގަނޑުވަރުން ހާމަކޮށްފައެއް ނުވެއެވެ.
އިނގިރޭސި ރާނީ އެލިޒަބަތް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕްރިންސް ހެރީއާއި އާއިލާއަށް ބާއްޖަބެރި އުފާވެރި ދިރިއުޅުމެއް ލިބުމަކީ ޝާހީ އާއިލާގެ އުންމީދު ކަމަށެވެ. އަދި ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށްފަހު ނިންމި މި ނިންމުމާއި މެދު އެކަމަނާ ވަރަށް އުފާވާ ކަމަށްވެސް ރާނީ ވިދާޅުވިއެވެ.