English Edition
Dhivehi Edition

ކެންސަރ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުން އަންނަ ބަލިމީހުންގެ ފަރުވާ މެދުނުކެނޑި، އައްޑޫސިޓީގައި ތިބެގެން ދެވޭނެ ގޮތް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހަމަޖައްސައިފިއެވެ.

އޭއީއެޗް ގެ މެނޭޖަރ ޝަރަފުއްސާދާތު (ސާތު) މިއަދު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުން އަންނަ މީހުންނަށް ލުއިފަސޭހަގޮތް ހޯދައިދިނުމުގެ ގޮތުން، ޑޮކްޓަރުންގެ ޚާއްޞަ ބެލުމުގެ ދަށުން އައްޑޫގައި މިހާރު ތިބި އެފަދަ ބަލިމީހުންނަށް ފަރުވާދޭން މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން ކެންސަރުގެ ބަލިމީހަކަށް މިއަދު އޭއީއެޗްގައި ކީމޯތެރަޕީ ދީފައިވާއިރު ކެންސަރ ބައްޔަށް ފަރުވާހޯދަމުން އަންނަ 7 މީހުން މިވަގުތު އައްޑޫގައި ތިބި ކަމަށް ވެސް ސާތު ވަނީ ވިދާޅުވެފައެވެ.

“މިއަދު ކެންސަރގެ ބަލިމީހަކަށް އޭއީއެޗްގައި ޑޮކްޓަރުންގެ ޚާއްޞަ ބެލުމުގެ ދަށުން ކީމޯ ދީފައިމިވަނީ. ބޭނުމަކީ މި ދަނޑިވަޅުގައި ވެސް ފަރުވާ ހޯދަން ޖެހި އަދި ނުލިބި ތިބި މީހުންނަށް އެމީހުންގެ ފަރުވާ މެދުނުކެނޑި އައްޑޫގައި ތިބެގެން ލިބޭނެ ގޮތް ވުން. ދުރު މުސްތަގުބަލަށް ބަލާއިރު އޭއީއެޗްގައި މިފަދަ ފަރުވާ ދެވޭނެ ގޮތް ވުން ބޭނުމަކީ” ސާތު ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ދަތުރުފަތުރުތައް މެދުކަނޑާލާފައިވާ މިވަގުތު އެފަދަ ބަލިމީހުންނަށް ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި އެމީހުންގެ އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭއީއެޗް ގެ މަސައްކަތް ފަށާފައިވާއިރު އެތަނުން ދަނީ އެންމެ ޒަމާނީ ފެންވަރުގެމެޝިނަރީސް ތަކާއެކު ގިނަ ޚިދުމަތްތައް ދޭން ފަށާފައެވެ. އެގޮތުން ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްޙީ ހުރިހާ ވަސީލަތެއް ހިމެނިފައިވާއިރު އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއްގެ އިތުރުން،ގައިނީ ޑިޕާރޓްމަންޓެއް، ޒަމާނީ ފެންވަރަށް ހަދާފައިވާ އައިސީޔޫއަކާއި އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދާފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ މިތަނުގައި ހަދާފަ އެވެ.

 

 

 

1 ކޮމެންޓް
Addumeeha
އޭޕްރީލް 26, 2020
Shukreeya raees yameen