English Edition
Dhivehi Edition
ކުޑަކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި - ފޮޓޯ: އައިސްޓޮކް / ކެޓް އައި ޕާސްޕެކްޓިވް

އިންޑިއާގެ ކެރަލާގައި ކޮވިޑް-19 ޖެހިގެން ހަތަރު މަހުގެ ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

އެކުއްޖާ އަކީ އުފަންވިއިރުވެސް ހިތުގެ މައްސަލަ ހުންނަ ކުއްޖެއް ކަމަށްވާއިރު، އެ ކުއްޖާ މަރުވެފައި ވަނީ މަލައްޕޫރަމްގެ ކޮޒިކޮޑޭ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އެވެ. މިއާއެކު ކެރަލާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 04 އަށް އަރައިފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “ޓައިމްސް އޮފް އިންޑިއާ” އިން ރިޕޯޓްކުރާ ގޮތުގައި މަރުވެފައި ވަނީ ނައިހާ ފާތިމާ ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. އޭޓްރިއަލް ސެޕްޓަލް ޑިފެކްޓް (އޭއެސްޑީ) އާއެކު އުފަންވި ނައިހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އޭޕްރީލް 22 ވަނަ ދުވަހު އެވެ. އޭގެ ކުރީ ދުވަހު ނައިހާ ވަނީ ހުން އައިސް ކެއްސާތީ އާއި ނޭވާލާން އުނދަގޫވާތީ އަދި ފިޓް ޖެހޭތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް ނައިހާ އަށް ކޮވިޑް-19 ޖެހުނީ ކިހިނެއްކަން އަދިވެސް ކަމާބެހޭ ފަރާތްތަކަށް ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް ނައިހާގެ މައިންބަފައިންނާއި އާއިލާގެ މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. އަދި އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބިފައިނުވާއިރު، ނައިހާ އަށް ފަރުވާދިން ޑޮކްޓަރުން ވަނީ މިހާރު ކަރަންޓީނުކޮށްފަ އެވެ.

މިހާތަނަށް އިންޑިއާއިން 24،447 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮރޯނާވައިރަސް ޖެހިފަ އެވެ. އަދި އޭގެތެރެއިން 5،496 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަނީ 780 އަށްވުރެ މައްޗަށް އަރައިފަ އެވެ.