English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްތަކެއް ލޮކްޑައުން ކޮށްފައިވާއިރު މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ރަށަށް މިވަގުތު ދިޔުމުގެ ހުއްދަ އެޗްޕީއޭއިން އަދި ނުދޭކަމަށް އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި “އޭއޯ ނިއުސް” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، މާލެއިން ރަށް ރަށަށްދާ ކާގޯ ފްލައިޓްތަކުގައި ކަރަންޓީނުގައި ތިބި މީހުން ރަށްރަށަށް ފުރުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި ނަމަވެސް މާލޭގައި ދިރިއުޅޭ ރަށްތަކުގެ އެއްވެސް ބަޔަކަށް މާލެއިން ފުރައިގެން ދިޔުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

“މާލެ މިއޮތްހާލަތަށްބަލާފައި. މާލޭގައި ތިބި އެއްވެސް ބަޔަކު ރަށަށް ފޮނުވުމަކީ އެހާ ރައްކާތެރި ގޮތެއް ނޫން. މާލޭގައި ތިބި ރައްޔިތުން ރަށްރަށަށް ފޮނުވަން ހުއްދަ ދިނުމަކީ ޔޫކޭއިން މީހުން މާލެ އަންނަން ހުއްދަ ދިނުންފަދަ ކަމެއް”, މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން މިދާ ދަނޑިވަޅުގައި މާލޭގައި ދިރިއުޅެމުން އަންނަ ރަށްރަށުގެ މީހުންނަށް ވަނީ ދިރިއުޅުމުގައި ދަތިތަކެއް ދިމާވެފައެވެ. އެގޮތުން ވަޒީފާ ގެއްލުމާއި ގުޅިގެން މާލޭގައި ކުއްޔަށް އުޅޭގެތަކަށް ކުލިދެއް ކުމަށް ދަތިވެފަިއވާއިރު މިހާރު މާލޭގައި ކާބޯތަކެތި އަގުބޮޑުކޮށް ވިއްކާ ކަމުގެޝަކުވާވެސް ބައެއް ރައްޔަތުން ދަނީ ކުރަމުންނެވެ.

“އަހަރެމެން ބޭނުންވަނީ ވީހާ އަވަހަކަށް ރަށަށް ދާން. މާލޭގައި މިހާރު 5ރުފިޔާ އަށް ދިން ނޫޑުލްސް ޕެކެޓްވެސް ލިބެނީ 7ރުފިޔާ އަށް. ނަން ކިޔާނެ ކަމެއް ނެތް ގިނަ އެއްޗިހީގައި ވަނީ އަގުބޮޑުކޮށްފައި” ނަން ހާމަކުރަން ނޭދޭ މާލޭގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.

މާލޭގައި ދިރިއުޅޭ ގިނަ ރަށްރަށުގެ ރައްޔިތުންނަކީ ޓެކްސީ ކޮށްގެން ފައިސާ ހޯދާ ބަޔަކަށްވެފައިވާއިރު އެމީހުންގެ ވަޒީފާވެސް މިހަރު ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް މާލޭގައި އަދިވެސް ހަލުވި ކަމާއެކު މިބަލި ފެތުރެމުން އަންނާތީ ރަށްރަށުގެ ރައްޔިތުންނަށް އެމީހުންގެ އުފަންރަށަށް ދިޔުމުގެ ހުއްދަނުލިބެނީ އެހެންމީހުންގެ ވެސް ރަށްކަލަކަށް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މިހާތަނަށް 129 މީހަކު ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ބަލި ޖެހިފައި ތިބި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ.