ރާއްޖެއަށް މިހާރު ފަތުރުވެރިން އެންމެ ގިނައިން އަންނަ ދެ މަންޒިލަކުން އައްޑޫއަށް ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަޝްވަރާތައް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް ދޫނުކުރައްވައި ހުރިހާ ވައުދުފުޅުތަކެއް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ.
މިގޮތުން ރައީސް ވިދާޅުވީ އައްޑޫގައި ހިންގަވަން ނިންމަވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫއަކީ އެ ސިޓީގެ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތަކީ އަބަދުވެސް ކުރަން ނުކުރަން ގޮތަށް ލަސްވަމުންދާ މަސައްކަތެއް ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، މިހާރު ހިނގަމުންދާ މަޝްރޫއަށް ބައެއް ކަންކަން އިތުރުކޮށް އެންމެ ފުރިހަމަ ޒަމާނީ ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް އެ އެއާޕޯޓު ހައްދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށް އެކި މަންޒިލުތަކުން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ނުވަތަ އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރު އައުމުގެ ކުރިން އެކި މަންޒިލުތަކުން ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް އައްޑޫއަށް ލަންކާ އެއާލައިންސްއިން ކުރަމުންދާ ދަތުރުތައް ދެގުނައަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މޯލްޑިވިއަން މެދުވެރިކޮށް އައްޑޫން ހުވަދޫއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި އޮކްޓޯބަރު މަހުން ފެށިގެން ދަތުރުތައް ފެށިގެންދާނެކަމަށެވެ.