English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު/ފޮޓޯ ރައީސް އޮފީސް

 

ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރި ކަމީ މި ނުރައްކާތެރި ބަލި މަޑުކަމުން އަރައިގަތުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުވެރި ކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

 

މިއަހަރުގެ ރޯދަމަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި ކަން ފާހަގަ ކުރައްވަމުން “ކޯވިޑް19″ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ހުއްޓުމަކަށް ގެނެސް އިޖުތިމާޢީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާޢަތުގައި އަދާކުރާ އަޅުކަންތައްވެސް މެދުކަނޑައިލަން ޖެހިފައިވީ ނަމަވެސް، މި ބަރަކާތްތެރި މަހާއިއެކު އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށްކަމަށް ވިދާޅުވިއެވެ.

“ރޯދަ މަހަކީ އަޅުކަމުގެ މޫސުން. ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، “ކޯވިޑް19” ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި.

ރައީސް އިބްރާހިމް މުޙާއްމަދު ޞާލިޙް

 

މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައިކަމަށާއި ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް އިސްކަން ދެއްވައި ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް އެމަނިކްފާން އެދިވަޑައިގެންނެވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެ އަޅުގަނޑުމެންގެ ތެރޭގައިވެސް، ވަރަށް ދަތި ޙާލުގައި އުޅޭ މީހުން އެބަތިބިކަމަށާއި މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީހުން، އަޅުގަނޑުމެންގެ ތެރޭގައި ތިބިއިރު މި ބަރަކާތްތެރި މައްސަރުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދައި އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅުމަށް ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

 

ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި ރާއްޖޭގެ ޤައުމީ ޓީވީ މެދުވެރިކޮށް ރައީސް ދެއްވި ޚިތާބުގައި މިބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް އެމަނިކްފާން ފޮނުއްވާފައިވެއެވެ.