English Edition
Dhivehi Edition

2017 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި މަންމަމެންގެ ދުވަސް ފޭދޫ ސްކޫލުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ފޭދޫ ސްކޫލުގައި އިއްޔެ ހަވީރު މި ދެ މުނާސަބާ ފާހަގަކޮށްފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރީ “އެރައުންޑް ދަ ވޯލްޑް” މި ޝިޢާރުގެ ދަށުންނެވެ. މިގޮތުން ސްކޫލުގެ ކޮންމެ ގްރޭޑަކަށް ވަނީ ދުނިޔޭގެ ކޮންމެވެސް އެއް ގައުމެއް ދީފައެވެ. އެ ގްރޭޑެއްގެ ހުރިހާ ކުދިން ހެދުންއަޅާފައިވަނީވެސް ލިބުނު ގައުމާއި އެއްގޮތަށެވެ. އަދި ކޮންމެ ގްރޭޑަކުންވެސް ވަނީ އެގްރޭޑަކަށް ލިބުނު ގައުމު ތަމްސީލުކުރުމުގެ ގޮތުން އެކި ހުށައެޅުންތައް ހުށައަޅާފައެވެ. މީގެތެރޭގައި ސަގާފީ ނެށުންތަކާއި، ލަވަތަކާއި ތަމްސީލުތައް ހިމެނެއެވެ. މިއާއެކު ހަވީރު ނިމުނުއިރު ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ މައިންބަފައިންގެ ފަރާތުން ހަދިޔާއެއް ލިބުނެވެ. މަންމަމެންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަމަ މި ހަވީރުގައި ސްކޫލުގެ ހުރިހާ ދަރިވަރުންވަނީ އެދަރިވަރުންގެ މަންމަމެންނަށް ބޮލުގައި އަޅާ ތާޖެއް ހަދިޔާކޮށްފައެވެ. އަދި ކޮންމެ ދަރިވަރެއްގެ ޝުއޫރުތައް ލިޔެފައިވާ ކާޑެއްވެސް އެ ދަރިވަރުންގެ މަންމަމެންނަށް ދީފައެވެ. މީގެއިތުރުން ފޭދޫ ސްކޫލުގެ ދަރިވަރުން ވަނީ މިމުނާސަބަތަށްޓަކައި ހަދާފައިވާ ހާއްސަ ލަވައެއް ހުށައަޅާދީފައެވެ. ފޭދޫ ސްކޫލަކީ ކޮންމެ އަހަރަކުވެސް މި ފަދަ ދުވަސްތައް ކުލަގަދަކޮށް ފަހާގަކުރަމުން އަންނަ ސްކޫލެކެވެ. މި ދުވަސް ފާހަގަކުރުމުގެގޮތުން ސްކޫލުގެ ޓީޗަރުންނާއި، ޕީޓީއޭވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާފައިވެއެވެ.