އައްޑޫ ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ “ރަން 50” މިއަދު ހަވީރު އޮންނާނެއެވެ.
އެ ސިޓީގެ ހުރިހައި އަވަށަކުން ވެސް މި ދުވުމުގައި މީހުން ބައިވެރިވާނެކަމަށް މައުލޫމާތު ލިބިފައިވާއިރު، މި ފަށާނީ މިއަދު ހަވީރު 4:00 ގައި ފޭދޫ އަވަށު އޮފީސް ސަރަހައްދުންނެވެ.
ފޭދޫ ސްކޫލުން ބުނީ މި ދުވުމުގައި ބައިވެރިވެރިވާ ހުރިހާ މީހުން ހަވީރު 3:30 އަށް އެ ސަރަހައްދަށް ޖަމާވާން ފޭދޫ އެދޭ ކަމަށާއި ހިތަދޫން ދުވުމުގައި ބައިވެރިވާ މީހުން ފޭދު އަށް ދިއުމަށް ބަސް ދަތުރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މެންދުރު ފަހު 2:45 ގައި ބަސް ދަތުރު ފަށާނީ ހިތަދޫ ނޫރާނީ ސްކޫލް ކައިރިން ކަމަށް ވަނީ ބުނެފައެވެ.
މި ދުވުމުގެ ބައިވެރިންނަށް ބިބް ދޫކުރުން ފޭދޫ ސްކޫލްގައި އިއްޔެ ވަނީ ބާއްވާފައެވެ.
ފޭދޫގައި ހަމައެކަނި ސްކޫލްގެ ގޯލްޑެން ޖުލިބީ ދުވުން “ރަން 50” ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ފަންޑް ރައިޒިންގ އިވެންޓެއްގެ ގޮތުގައެވެ. އެއީ 12 އަހަރުން މައްޗަށް ޚާއްސަ 5 ކިލޯމީޓަރުގެ ދުވުމާއި 12 އަހަރުން ދަށަށް ޚާއްސަ 5 ކިލޯމީޓަރު ދުވުން އަދި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން “ޕަވަރ ވޯކް” ގެ ނަމުގައި ބާއްވާ 2 ކިލޯމީޓަރުގެ ދުވުމެވެ.
ދުވުމުގައި ބައިވެރިވި ޢާންމުންގެ އަތުން 150 ރުފިޔާ ނެގިއިރު، ދަރިވަރުންނަށް ނެގީ 100 ރުފިޔާއެވެ. ދުވުމުގެ ބައިވެރިވާން ލާން ޖެހެނީ ރަތް ނުވަތަ ހުދު ކުލައިގެ ހެދުމެކެވެ.
ފޭދޫ ސްކޫލުން ބުނި ގޮތުގައި “ރަން 50” އަކީ މިހާތަނަށް އައްޑޫގައި ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވާނެއެވެ.