English Edition
Dhivehi Edition

އޭއޯ ނިއުސްގެ ފަރާތުން ތައްޔާރުކުރި ޔޫޓިބް ޗެނަލް ( އޭއޯނިއުސް ޗެނަލް) ޑިޖިޓަލް ސްޓޫޑިއޯ އަކާއެކު މިއަދު އައްޑޫގައި ލޯންޗްކޮށްފިއެވެ.

އޭއޯ ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޔޫޓިއުބްގައި ލޯންޗް ކުރި “އޭއޯނިއުސް ޗެނަލް” އަކީ އައްޑޫގެ އަމިއްލަ ފަރާތަކުން އައްޑޫގައި ގާއިމު ކުރި އެންމެ ފުރަތަމަ ޑިޖިޓަލް ސްޓޫޑިއޯއެވެ.

ކޮވިޑް 19 އާއި ގުޅިގެން އިތުރު ހަފްލާއެއް ނުބާއްވައި ހަމައެކަނި ސޯޝަލް މީޑިއާގައި ޗެނަލް ލޯންޗް ކޮށްފައިވާ އިރު އޭއޯ ނިއުސްގެ އާ އޮފީސް އިމާރާތް ވެސް ވަނީ މިއަދު ހުޅުވާފައެވެ. ހިތަދޫ ބޮޑުމަގުގައި ހަދާފައިވާ މި އޮފީހުގައި މަސައްކަތް ކުރާނެ ސްޓޭޝަނެއްގެ އިތުރުން ޑިޖިޓަލް ސްޓޫޑިއޯ އެއް ވަނީ ގާއިމު ކޮށްފައެވެ.

 

އޭއޯ ނިއުސް ޗެނަލާއެކު އޭއޯ އިން ވަނީ އައްޑޫގެ ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން މީޑިއާގައި މަސައްކަތް ކުރުމުގެ ޝައުގު ހުރި ފަރާތްތަކަށް ތަމްރީނު ދިނުމާއި އަދި މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މީޑިއާއަށް ޝައުގު ހުރި ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ.

އޭއޯ ނިއުސް އިން މިހާތަނަށް ވެސް އައްޑޫގައި ގިނަ ޒުވާނުންތަކެއް ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް މުޖުތަމައަށް ނެރެދީފައިވާއިރު ޚާއްޞަ އިސް ކަމެއް ދީގެން “ސްކޫލް މީޑިއާ” ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުން ވެސް ދާއިރާ އަށް ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭއޯ ނިއުސް އަކީ 2011 ވަނަ އަހަރު “އައްޑޫއޮންލައިން” ގެ ނަމުގައި އައްޑޫގައި އެންމެފުރަތަމަ ފެށި އޮންލައިން ނޫސް މީޑިއާއެވެ.