އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ. އިޒްރޭލުގައި ކޮވިޑް19 ފެތުރެމުން ދަނިކޮށް އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަޅު ކުލައިގެ މާސްކާއި ކަޅު ދިދަތައް ހިފައިގެން މަގުތަކަށް ނިކުމެ އަޑުއުފުލާފައެވެ.
މި މުޒާހަރާތަކުގެ ބައިވެރިން އަޑުއުފުލަމުން ދިޔައިރު މުޒާހަރާގެ ބައިވެރިންގެ މެދުގައި 2 މީޓަރުގެ ދުރުމިނެއް ބަހައްޓާފައި ވެއެވެ. މުޒާހަރާތަކުގެ ބައިވެރިން ގެންގުޅުނު ޕޯސްޓަރުތަކާއި އެމީހުން އަޅައިގެން ތިބި މާސްކް ތަކުގައި ނަތަންޔާހޫ ސިފަކޮށްފައި ވަނީ “ކުށްތަކުގެ މިނިސްޓަރު”ގެ ގޮތުގައެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އެތައް ހާސް ބަޔަކު ވަނީ ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. އެހެން ނަމަވެސް އިޒްރޭލުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ މުޒާހަރާތަކުގައި ބައިވެރިވީ ދެހާހެއްހާ މީހުން ކަމަށެވެ.
ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާކޮށްފައި ވާއިރު އޭނާގެ މައްޗަށް ރިޝްވަތު ދިނުމާއި މަކަރާއި ހީލަތް ހެދުމާ އަދި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ ވަނީ އުފުލާފައެވެ. އެ ދައުވާތައް އުފުލި ނަމަވެސް ނަތަންޔާހޫ ވަނީ ގޮތް ދޫކުރައްވަން ދެކޮޅުހައްދަވައި އެ ދައުވާތަކަކީ “ބަޣާވާތެއް” ކަމަށް ސިފަކުރައްވާފައެވެ.
އިޒްރޭލުގެ ސިޔާސީ މަސްރަޚުގައި ނުތަނަވަސްކަމެއް އުފެދިފައި މިވަނީ ފާއިތުވި 2019 ވަނަ އަހަރުގެ އެޕްރީލް މަހާއި ސެޕްޓެމްބަރު މަހު އެގައުމުގައި ބޭއްވި އިންތިޚާބުތަކަށް ފަހު ވެސް އެއްވެސް ޕާޓީއަކަށް އަޤްލަބިއްޔަތު ނުލިބުމާއި ގުޅިގެން ސަރުކާރެއް އުފެއްދިފައި ނުވާތީއެވެ.
ފާއިތުވި ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބަށް ފަހު ސަރުކާރަށް އުފައްދަން ނަތަންޔާހޫ އަށް ދިން ފުރުސަތު ނަތަންޔާހޫއަށް ކާމިޔާބު ނުވިއެވެ. އަދި އިންތިޚާބުގައި ކުރި ހޯދި ބްލޫ އެންޑް ވައިޓް ޕާޓީގެ ބެނީ ގާންޒަށް ވެސް ދިން ފުރުސަތުގައި އޭނާއަށް ވެސް ވަނީ ސަރުކާރެއް އުފެއްދުމުގައި ކާމިޔާބު ނުވެފައެެވެ.
އިޒްރޭލުގެ އިންތިޚާބުގެ އެންމެ ގިނައިން ވޯޓު ހޯދި 2 ޕާޓީއަށް ސަރުކާރު އެކަލަވާ ނުލެވުމުން ޤާނޫނު ހަދާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް 21 ދުވަހުގެ މުހުލަތު ދީފައެވެ. އެ މުއްދަތުގައި އެކަން ނުކުރެވިއްޖެ ނަމަ 90 ދުވަސް ތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ.
އިޒްރޭލުގެ ޤާނޫނު އަސާސީ ބުނާގޮތުން ސަރުކާރެއް އުފައްދަން 120 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. އެހެން ނަމަވެސް އެ އަދަދު ނަތަންޔާހޫ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އިޒްރޭލުގެ މަސްރަޚު ދިރާސާ ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.