English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލް - ފޮޓޯ: އެޓޯލް ނިއުސް

ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިހެން ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބިދޭސީންނަށް ކުޑައިމީސްވާ ގޮތަކަށް “ނޫސްވެރިއަކު” ސުވާލެއް ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން މީޑިއާ ކައުންސިލުން ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި ނުދެކޭ ކަމަށެވެ.

އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ޙައްޤުގައި، ކުރިއަށް އޮތްތަނުގައި އެ ކައުންސިލްގެ ރޫހު ހުރީ ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުން ކަމަށްވެސް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން ރަސް އޮންލައިންގެ ނޫސްވެރިޔާ އާއި އެޑިޓަރު އެކަމަށް މަޢާފަށް އެދުމަށް އަންގާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.