English Edition
Dhivehi Edition
ބ. ގޮއިދޫގެ ދަނޑަކަށް ގެއްލުންތަކެއް ދީފައި - ފޮޓޯ: ޕޮލިސް

ބ. ގޮއިދޫގައި މީހަކު ހައްދާފައިވާ ދަނޑުތަކެއް ހަލާކުކޮށް، ބޮޑެތި ގެއްލުންތަކެއް ދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ގޮއިދޫގައި މީހަކު ހައްދާ ދަނޑު ތަކަކަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ މައްސަލައެއް އޭޕްރީލް 20 ވަނަ ދުވަހުގެ 08:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ދަނޑުގައި ހައްދާފައި ހުރި ޗިޗަންޑާތައް ވަނީ ގަހުން ކަނޑާ ބުރިކޮށްފައި ކަމަށާއި، ގަސްތަކަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދަނޑުގައި ހައްދާފައި ހުރި ތޮރާ ވެޔޮ ތަކަކަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.