(އިސްލާމް އާބާދު؛ 19 އޭޕްރީލް) – ކޮވިޑް-19 އާއި ގުޅިގެން ޕާކިސްތާނުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދޭން އެ ގައުމުން ނިންމައިފިއެވެ.
ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ މިއަދު އިއުލާންކުރެއްވި ގޮތުގައި ރޯދަމަހުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސި ނަމަވެސް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވިދާޅުވެފައެވެ. ރައީސް އާރިފް އަލްވީ މިގޮތަށް ނިންމަވާފައިވާއިރު އެބޭފުޅާ ވަނީ ޕާކިސްތާނުގެ އެންމެ އިސް ދީނީ އިލްމުވެރިންނާއި މަޝްވަރާ ކުރެއްވުމަށް ފަހު 20 ނުކުތާއެއްގެ މައްޗަށް އެކުލެވޭ އެކްޝަން ޕްލޭނެއް ވެސް ކަނޑައަޅުއްވާފައެވެ.
އެ އެކްޝަން ޕްލޭންގައި ބުނެފައިވާ ގޮތުން މިސްކިތްތަކުގައި ޖިސްމާނީ ގައިދުރުކަމުގެ އުސޫލުތަކަށް މީހުން އަމަލުކުރޭތޯ ކަށަވަރުކުރުމަށް ފުލުހުން ބައިތިއްބާނެއެވެ. އަދި މިސްކިތްތަކަށް މީހުން ދާން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މީހުން އެކްޝަން ޕްލޭންގައި ބުނެފައިވާގޮތަށް އަމަލުނުކުރާ ނަމަ ނުވަތަ ކޮވިޑް-19ގެ ކޭސްތައް އިތުރުވާ ނަމަ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލި ހުޅުވާލުން މުރާޖަޢާކުރައްވާނެ ކަމަށް ވެސް ރައީސް އަލްވީ ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުން މިހާތަނަށް 7993 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އެ ވައިރަސް ޖެހިގެން 159 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
މަސްދަރު: ސީއެންއެން