ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް ފަރުޟު ނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތުގައި ނުކުރުމަށް އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 އޭޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމަދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އަންގައިފަ އެވެ.
އަދި މި ޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ފިވެހި ބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އެންގުމަށް ދަންނަވާ ކަމަށްވެސް އެ ސަރކިއުލަރގައި ވެއެވެ.
މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފަ އެވެ.