English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

މާލެއިން ކޮވިޑް-19 އަށް އިންޑިއާގެ ދެ މީހަކުވެސް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އިންޑިއާގެ ދެ މީހެއްގެ ގައިން ނެގި ސާމްޕަލްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހުން އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ މީހުންނާއި މީގެ ކުރިން ޕޮޒިޓިވްވި ކޭސްތަކާއި އެއްވެސް ގުޅުމެއް ވޭތޯ ތަހުލީލުކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 51 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 19 ދިވެހިންވެސް ހިމެނެއެވެ.

މިއަދު އިތުރު 14 ބިދޭސީއަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެއީ ހުސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

މާލެއިން ކޮވިޑް-19 އަށް އަލަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 15 ދުވަހު ކަމަށްވާއިރު، އެދުވަހުން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭ އިން ގްރޭޓަރ މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.