English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

ކޮވިޑް-19 އަށް މާލެ ސިޓީން އަނެއްކާވެސް އިތުރު 13 ބިދޭސީއަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ކޭސް 27 އާއި ގުޅުންހުރި ކްލަސްޓާއަކާއި ގުޅިފައިވާ އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ އެންމެންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ.

އެމީހުން އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

މިއަދު މީގެ ކުރިންވެސް ބަންގްލަދޭޝް ރައްޔިތަކު ވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އިއްޔެވެސް މާލެއިން ބަންގްލަދޭޝް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މާލެއިން ކޮވިޑް-19 އަށް އަލަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 15 ދުވަހު ކަމަށްވާއިރު، އެދުވަހުން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭ އިން ގްރޭޓަރ މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.