English Edition
Dhivehi Edition

ކޮވިޑް 19 އިން ރައްކާތެރިވުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރަ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، މާލެ މަގުމައްޗަށް ނިކުމެ އުޅުނު 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޒަރޫރީ ބޭނުމެއްނެތި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާ ކަަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ މާލޭގެ މިއަދުގެ ހާލަތަކީ ހުުރިހާ އެންމެންނަކީ ވަންނާނެ ގެތަކެއް ހުރެގެން މަގުމަތީގައި އުޅޭ މީހުން ނޫންކަމަށާއި ވަންނާނެ ތަނެއް ނެތި މަގުމަތީގައްޔާއި ނެރުމަތީ ނޫނީ މާރުކޭޓް ސަރަހައްދުގައި ކޮންމެވެސް ތަނެއްގައި ކާޑް ބޯޑް އަތުރައިލައިގެން ނިދާލާ ބަޔަކުވެސް މާލޭގައި އުޅޭ ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކަކީ ހައްޔަރު ކުރުމުގެ މަގްސަދުގައި ގެންދެވުނު ބައެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ އެއްވެސް ގެދޮރެއް ނެތް ފަރާތްތައް ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި އެފަދަ ގެދޮރެއް ނެތި ތިބި މީހުންގެ ކަންތައްތައް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.