English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ 15 އޭޕްރީލް 2020 އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށްވެސް މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށްޓަށް ފައިބައިފިނަމަ، އެފަދަ މީހުންވެސް އަމިއްލައަށް އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އަދި އެ އެންގުމާއި އެއެއްގޮތަށް އެންގުން ރައްދުވާ ފަރާތްތަކުން ޢަމަލުކުރާކަން ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

މާލެއިން ކޮވިޑް-19 އަށް އަލަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 15 ދުވަހު ކަމަށްވާއިރު، އެދުވަހު މާލެ ފުރަބަންދުކުރުމުގެ ކުރިން ގިނަ އަދަދެއްގެ މީހުން ވަނީ ރަށްރަށަށް ފުރައިގެން ގޮސްފައެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ފުރަބަންދުކޮށްފަ އެވެ.