ދަރިން ސިއްޙަތު ރަނގަޅު ކާނާ ނުކާ ވާހަކައަކީ މައިންބަފައިން އަބަދުވެސް ކުރާ ޝަކުވާއެކެވެ. ގިނަ ފަހަރަށް މޭވާ އާއި ތަރުކާރީ ނުކާވާހަކަ އެވެ. އެހެންނަމަވެސް އެކަމަށް ހައްލެ އެބައޮތެވެ. މައިންބަފައިން ބަދިގޭގައި އުޅޭއިރު އެކުދިން ގޮވައިގެން އުޅެންވީއެވެ.
ހަޤީގަތަކީ ދަރިފުޅު ގޮވައިގެން ބަދިގޭގެ މަސައްކަތުގައި އުޅުމަކީ ކުރާ މަސައްކަތް އެތައްގުނައަށް އިތުރު ވެގެން ގޮސްދާނެކަމެކެވެ. ސާފުކުރަންޖެހޭ ތަންތަން ގިނަވާނެއެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކުރުން މުހިއްމެވެ. މިކަމުގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެގޮތަށް ހޭދަވާ މަދު ވަގުތުކޮޅަކީ އެހާމެ ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ވަގުތު ތަކެއްކަމަށެވެ.
ކެއްކުމަކީ ގިނަ މީހުން އެހާ އަހައްމިއްޔަތުކަން ދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކެއްކުމުގެ ހުނަރު ލިބިފައިވާ ކުދިން ދުޅަހެޔޮ ކެއުންތައް ތައްޔާރުކުރުމުގައި ކުޅަދާނަކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން އެކުގައި ކައްކަން އުޅޭނަމަ އާއިލީ ގުޅުން ބަދަހިވެގެންދާކަމަށެވެ.
ދާދި ފަހުން ޕަބްލިކް ހެލްތް ނިއުޓްރިޝަން އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން އަމިއްލައަށް ކައްކަން އެނގޭކުދިން މޭވާ އާއި ތަރުކާރީ ކައެވެ. އެގޮތުން ކައްކަން ނޭނގޭ ކުދިންނަށްވުރެ %10 އިތުރަށް ކައްކާ ކުދިން ފައިދާ ހުރި ކާނާ ކައެވެ. މިކަމުން އެނގިގެން ދަނީ ކާނާގެ ތެރޭގައި އުޅޭ ކުދިންނަށް ރަނގަޅު ކާނާ އިޙްތިޔާރުކުރަން އެނގޭ ކަމެއެވެ.
ދަރިފުޅާއި އެކު ބަދިގޭގައި ހޭދަކުރާ ވަގުތަކީ ނޭނގި ނަމަވެސް އެދަރިފުޅަށް ނަގައިދެވޭ ވަރަށް އަގު ހުރި ފިލާވަޅެކެވެ. އެގޮތުން ބަދިގޭގައި އެހެންމީހުންކުރާ ކަންތައްތައް ވަރަށް އަވަހަށް ކުޑަކުދިން ދަސްކުރެއެވެ. އެއިގެ ސަބަބުން އެމީހުންގެ އަމިއްލަ ޤާބިލުކަން އިތުރުވެގެން ދެއެވެ. އަދި ކަންކަން ކުރުމަށް ފަސްނުޖެހެއެވެ.
ދެން ސުވާލު އުފެދިގެން ދަނީ ދަރިފުޅަށް ކައްކަން ދަސްކޮށްދޭން ފަށަންވީ ކޮން އުމުރަކުން ކަމާއިމެދުގައެވެ. ވަރަށް ގިނަ ކުދިން އެކުދިންގެ އުމުރުން 03 އަހަރުން ފެށިގެން ކަންކަމަށް ޝައުޤުވެރިކަން ފާޅުކުރަން ފަށައެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ކުޑައިރު އެކަން ކުރުމަށް ދަސްކޮށްދިނުމެވެ.
ތުއްތު އިރު އެކުދިންނަށް ކެއުމުގެ މުހިއްމުކަމާއި، ފައިދާ ހުރި ކާނާގެ ވާހަކަ ކިޔައިދެވޭނަމަ އެކަންކަމާއި މެދު އެކުދިންވެސް ވިސްނާނެއެވެ. އަދި ސިއްޙީ ރަނގަޅު ކާނާ ކެއުމަށް އާދަކުރާނެއެވެ.