English Edition
Dhivehi Edition

ސިންގަޕޫރު (18 އޭޕްރީލް): ސިންގަޕޫރުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ފަސް ހާހަށް އަރައިފިއެެވެ.

ސިންގަޕޫރުގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު އެކަނި ވެސް އެގައުމުން ވަނީ 623 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ހުރީ 5050 ގައެވެ. އަދި އެބަލި ޖެހިގެން 11 މީހަކު ވަނީ ސިންގަޕޫރުން މަރުވެފައެވެ.

ސިންގަޕޫރުން ކޮވިޑަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ އެގައުމުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އެހެންވެ އެފަދަ ބިދޭސީންނަށް މިހާރު ދިރިއުޅެމުންދާ ތަންތަނުން އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސިންގަޕޫރު ސަރުކާރުން ވަނީ ފަށާފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ސިންގަޕޫރު ސަރުކާރުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ފިޔަވަޅުތަކެއް ދައްކަން ފަށާފައެވެ. އެގޮތުން އެގައުމުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އަދި ބޮޑު ވަޒީރާއި ރައީސް ވެސް ހިމެނޭ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބި އެންމެންގެ އެއް މަސް ދުވަހުގެ މުސާރަ ނުނަގަން ވެސް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސިންގަޕޫރު މީހުން ބޭރަށް ދާނަމަ މާސްކް އެޅުން މަޖްބޫރުކޮށް މާސްކް ނާޅާ މީހުން 300 ސިންގަޕޫރު ޑޮލަރު (200 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރަން ވެސް ސިންގަޕޫރު ސަރުކާރުން ވަނީ ނިންމާފައެވެ.