English Edition
Dhivehi Edition

މާލެއިން ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ އަޑުއިވުމާއެކު ހިތަން އެރިއެވެ. މި ބައްޔަށް ޕޮޒިޓިވްވާ ތުއްތު ކުދިންނާއި މެދުވެސް އަމަލުކުރާނީ ޕޮޒިޓިވްވާ އެހެން މީހުންނާއި މެދު އަމަލުކުރާ އުސޫލުން ބާއެވެ. އެ ކުދިންވެސް ބާއްވާނީ އެކަނި ބިއްލޫރި ކޮށްޓެއްގައި ނުވަތަ އެކަނި ރޫމެއްގައި ހެއްޔެވެ؟ އާއިލާގެ މެމްބަރުންނާއެކު ދުވެ ހީ ސަމާސާކޮށް އުޅުނު ތުއްތު ކުއްޖާއަށް ވެގެން އުޅޭ އެއްވެސް ކަމެއް ނޭގޭނެއެވެ.އެހެންކަމުން މަޑުމަޑުން އެއްތަނެއްގައި އެކަނި އޮންނަންވުމުން ތެދުވެ ދުވެ އުޅެން ބޭނުންވާނެއެވެ. ނުވެސް ދަންނަ ތަނެއްގައި އޮންނައިރު އާއިލާގެ އެހެން މެމްބަރުންނާއި ލޯބިވާ މަންމަ ހޯދަން ކިހާ ރޯނެ ހެއްޔެވެ؟ ފުލްކިޓުގައި ތިބި ނަރުހުން ތުއްތުކުދިންނަށް ފެންނާނީ ކޮންސިފައެއްގައި ހެއްޔެވެ؟އެކަނި ހާލައިގެން ނޫޅެވޭ ތުއްތުކުދިން މަންމައަށް ހާދަ އެދޭނެއެވެ. އެއިޙުސާސް ހިތަށް އެރުމުން ލޮލުން ކަރުނަފައިބަނީ ހިތަށް ކުރި ފުންއަސަރުންނެވެ.

ގޭގައި ތިބި އަޅުގަނޑުމެންގެ ލޮލުގެ ނޫރުފަދަ ކުދިންގެ ރައްކާތެރިކަމަށްޓަކައި ވިސްނަން ނުވޭތޯއެވެ؟ މުޅި ރަށުތެރޭގެ ދުއްވުމަށްފަހު ރެސްޓޯރެންޓް ހޮޓާތަކުން ބަލި ހިފައިގެން ގެއަށް ވަންނަ މީހާއަށް ނުވުމަށްޓަކައި ގޭގައި މަޑުކުރަން ނުޖެހޭތޯއެވެ. މާދަމާ ތިމާގެ ސަބަބުން މުޅި އާއިލާ އާއި ލޯބިވާ ދަރިންނަށް ނުރައްކާތެރިކަން ފޯރުކުރުމުގެ ކުރިން އަމިއްލައަށް ވިސްނަން ނުވޭތޯއެވެ. ތިމާގެ ލޮލުގެ ކުރިމަތީގައި ތިމާގެ ލޯބިވާ މީހުން ބަލިއެނދުގައި މަރަށް ތެޅެމުންދާއިރު އެކަމުގެ ޒިންމާވާ ފަރާތަކީ ތިމާކަމުގައި ނުވުމަށްޓަކައި ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ ނޫންތޯއެވެ.

ތިމާއާއި ތިމާގެ ދަރިންނާއި އާއިލާ އަދި މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކޮށްދެއްވާށެވެ.ކަމާއި ބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދަށް ބޯލަބާ އެއަށް އަމަލުކުރާށެވެ.ދުނިޔޭގެ ގަދަވެ ސަލާމަތުން ހުރެއްޖެ ނަމަ ތިމާ ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ފުރުސަތު ލިބިދާނެއެވެ. ޕާޓީތަކާއި، އެއްވުންތައް ބާއްވަން އަދިވެސް ފުރުސަތު ލިބިދާނެއެވެ. ކޮންމެހެން ދާން ނުޖެހޭ ތަންތަނަށް ދިއުން ހުއްޓާލާށެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވާނެއެވެ. ފަރުދީ ޒިންމާ އަދާކުރައްވާށެވެ.

ޔާﷲ މި ވަބާއިން އަޅަމެއް ސަލާމަތް ކުރައްވާށި!އަދި ބަލީގައި ތިބި އެންމެނަށް އަވަސް ޝިފާދެއްވާ އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

ޓެގު