English Edition
Dhivehi Edition
ވިއްސާރަވެ އައްޑޫސިޓީގެ މަގުތަކުގައި ފެންބޮޑުވެފައި/ފޮޓޯއޭއޯނިއުސް

ވާރޭ ނުވެހޭތާ ދުވަސްތަކެއް ފާއިތުވެ ދިޔައީއެވެ. އައްޑޫސިޓީގައި މިހާރުވެސް ޢާއްމުންގެ ގިނަ ބަޔަކު ސާފުބޯފެނުގެ ގޮތުގައި ވާރޭފެން ބޭނުން ކުރާއިރު ވާރޭ ނުވެހި މިދިޔަ ދިގު މުއްދަތުގައި ގޭގޭގެ ފެން ތާނގިތައްވަނީ ހުސްވެ ނޫނީ ހުސްވުމަކާއި ގާތަށް ގޮސްފައެވެ. ތާނގި ނުހުންނަ ގޭގޭގެ މީހުން ފެން އަޅަންދާ މިސްކިތު ތާނގިތައްވެސް ހުސްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ވާރޭ ނުވެހި ދިގުލައިގެން ދިއުމުގެ ހިތާމައާއި މާޔޫސްކަން އެތައް ބަޔަކަށް ވެރިވެފައިވަނިކޮށް މިހަފްތާގެ މެދުތެރޭ މިވަނީ ވިއްސާރަވިލާތައް ބޯމަތިވެ އެތައް ބަޔަކަށް ފެން ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައެވެ.

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް މިހާރު ފެށިގެން ކުރިއަށް ދާއިރު ނިމިގެން މިދިޔަ 3 ދުވަސް ވެސް ވެފައިވަނީ ވާރޭ ވެހުނު 3 ދުވަހުގެ ގޮތުގައެވެ. މިއީ ބަރަކާތްތެރި ރަމަޟާން މަހަށް އައްޑޫސިޓީގެ ރައްޔިތުން ގިނަ ތައްޔާރީތަކެއް ވަމުންދާ ދަނޑިވަޅެކެވެ. ގެދޮރު ސާފުކުރުމާއި ރުއްގަސް ކޮށާ ރީތި ކުރުން ބިންބޮޑު އައްޑޫސިޓީގެ ކޮންމެ ގެއެއްގައިހެން ކުރިއަށް އެބަދެއެވެ.

މިހާރު ދެން ވެހޭތާ ފެން ނަގަންވީއެވެ.

ފެންނަގަންވީއެވެ. އެހެނަސް ފުރާޅާއި ދިމާލަށް ހުންނަ ގޮފިތައް ކަނޑާ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށްގެން ފެން ނެގުމަކީ ސަމާލުކަން ދޭންވީ ކަމެކެވެ. ފެން ރައްކާކުރެވޭ ތާނގި އަކީ ވެސް ދިރޭ އެއްވެސް އެއްޗަކަށް ނުވަދެވޭ ގޮތަށް ބަންދު ކުރެވިފައިވާ އެއްޗެއްތޯ ޔަޤީން ކުރަންވާނެއެވެ.

ވެހޭވާރެއާއިއެކު ނޭނގި ނަމަވެސް ނުރައްކާ ބަލިތަކަށް މަގު ހުޅުވިގެންދޭ

ވާރޭ ވެހެން ފެށުމުން މަގުމަތީގައި ވެހިކަލް ދުއްވުމަށާއި ހިނގާބިގާވެ އުޅުމަށް އުނދަގޫތަކެއްވާނެއެވެ. މިއީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ވި ކަމުގައިވިޔަސް މިވަގުތު ޙާލަތަށް ރުހެން އެބަޖެހެއެވެ. މިއަށްވުރެ މާހާސްކަން ބޮޑު ނުރައްކާތެރި ބައްޔަކުން ސަލާމަތްވުމަށް އެންމެން މިވަނީ އަތުކުރި އޮޅާލާފައެވެ.

މިވިއްސާރާގައި ސަމާލްވާންވީ އިތުރުކަމެއް އަދި އެބައޮތެވެ. ގެއާއި ގޯތިތެރެއާއި އަދި މީހުން ނޫޅޭ ފަޅުގޯތީގައި ފެންހަރުލާ ޒާތުގެ ތަކެތި ހުރިއްޔާ އެތަކެތި ނައްތާލާ ސާފުކޮށްލުމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ޑެންގީ މެލޭރިއާ، ޗިކުންގުންޔާ ފަދަ ނުރައްކާތެރި އެތައް ބައްޔެއް ފެތުރުމުގެ އަސްލަކަށް މަދިރި ވެފައިވާއިރު މަދިރި މަދު ކުރުމުގައި ފަރުދި ޒިއްމާ އަދާ ކުރައްވާށެވެ. ގޭތެރެއަށް މަދިރި ނުވަންނާނެ ހެން ފިޔަވަޅު އަޅަންވީއެވެ. އަދި މަދިރި އުޅޭނަމަ މަދިރިން ސަލާމަތް ވާނެ ލޯޝަނެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ދައްކުވައިދޭ ޗާޓެއް

ކޮވިޑް 19 ގެ ބިރުވެރި ކަން ވެސް އިންތިހާ

ފެތުރެމުން މިދަނީ އިންސާނުންނަށް ނުރައްކާތެރި ވަބާއެކެވެ. އައިދިމާ، ދާނެ ދިމާ ނޭނގި މުޅި ދުނިޔެ ގޮތް ހުސްވެ ބިކަ ޙާލުގައި ޖެހުމުގެ ކޮޅުމަތި ދުނިޔޭގެ ކަންކޮޅުތަކުން ފެންނަން ފަށައިފިއެވެ. އެތައް ހާސް ފުރާނަ މި ދުނިޔެއަށް އަލްވަދާޢު ކިޔަމުން ދިއުމުގެ އަސްލަކަށް ވި ކޮވިޑް 19 ރާއްޖޭގެ ފުޅަފުންވެސް އެތެރެވެއްޖެއެވެ. އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރޭނެ ފަދަ ކޭހެއްގެ ގޮތުގައި ބުދަ ދުވަހު މާލޭން ފެނުނު ކޮވިޑް 19 ގެ ބަލިމީހާއާއެކު ،އޮރެންޖް ކުލައިގައި އޮތް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ރަތަށް ބަދަލުކޮށް ނުރައްކާ އެންމެ މަތީގައި އޮތް ކަން ސަރުކާރުން މިވަނީ ހާމަ ކޮށްފައެވެ.

އައްޑޫސިޓީގައިވެސް މިކަމުގެ ނުރައްކާ ކުޑަ ކަމަށް ހީނުކުރައްވާށެވެ. ދަތުރުފަތުރުކުރުމަކީ މިހާރު ފަސޭހަ ޚިދުމަތެކެވެ. މާލެއާއި ރިސޯޓުތަކުގައި ތިބި އެތައްބަޔަކު މިއަދު ތިބީ ރަށުގައެވެ. އިއްޔެއާއި ހަމަޔަށް ކޮންމެ ދުވަހަކުހެން އައި މަތިންދާބޯޓުތައް ގަމުގެ ވައިގެ ބަންދަރުގައި ޖެއްސީ މީހުން ފުރާލައިގެން އައިހެވެ.

މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމާ ބެހޭ އެންމެހާ ކަންކަން ވިލަރެސްކުރާ މުވައްސަސާކަމަށްވާ އެޗްޕީއޭ ގެ އިލްތިމާސްތައް ވަރަށް ސާފެވެ. އިއްޔެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ ކަމުގެ ނުރައްކާ ޤައުމަށް އޮތް މިންވަރުގެ ބޮޑުކަން ހާމަ ކުރައްވާ ކީރިތި ކުރައްވަމުން ނަސޭޙަތް ތެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް/ފޮޓޯ ރައީސް އޮފީސް

ގޭގައި މަޑުކުރައްވާ! ސާފުތާހިރުކަމަށް ލޯބި ކުރައްވާ! މިކަމުން އަރައި ގަތުމުގައި ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލަނބާ ކިޔަމަން ވާށެވެ.

ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ވަޒީފާތަކަށް ދާން ނުޖެހި ގޭގައި ތިބެން ލިބުނު މިފުރުސަތުގައި ފޫހިވެސް ވާނެއެވެ. ޕިކުނިކް ދަތުރުތަކާއި މަސް ދަތުރު ތައް އަޅާލާ ހިތްވެސް ވާނެއެވެ. އެހެނަސް މުޅި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި މިފަދަ ހުރިހާ ކަމަކުން ދުރުވެ ގޭގައި މަޑުކުރުން ބުއްދިވެރިއެވެ.

އިހަށް ނުވި ރައްކަލެއް ފަހަކަށް ނުވެވޭނެއެވެ.