English Edition
Dhivehi Edition
21 ޑިސެންބަރު 2017ގައި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ ސައިޓްގައި ވެމްކޯގެ އުޅަނދުތައް އިންސްޕެކްޓްކުރުމުގެ ތެރެއިން - ފޮޓޯ: ވެމްކޯ

މާލެ ސިޓީ ފުރަބަންދުކުރުމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޭޝަން (ވެމްކޯ) އިން އެ ސަރަޙައްދުގައި ދެމުންދާ ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަތިން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އެ ކޯޕަރޭޝަނުން ފުރަމާލެ ސަރަޙައްދުގައި ދޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް ފުރަބަންދުގެ މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާފައިވާތީ، އެ ކޯޕަރޭޝަންގެ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ޚިދުމަތްތައް ހުއްޓާލެވިފައިވާ މިދަނޑިވަޅުގައި ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެމްކޯ އިން ބުނެއެވެ.

އަދި ހާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު ވެމްކޯގެ މެދުކެނޑިފައިވާ ޚިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރަމުންދާނެ ކަމަށާއި، މި ގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލެ ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.