ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާއިރު، މާލެ ސިޓީގައި ބަނދަރުކޮށްފައިވާ ހުރިހާ އުޅަނދުތަކެއްވެސް ފުރުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.
މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް.
— Health Protection Agency (@HPA_MV) April 15, 2020
މާލެ ފުރަބަންދުކުރުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް ވަނީ މާލޭގައި ބޭރުގައި މިވަގުތު ތިބި ހުރިހާ ފަރާތްތައްވެސް މިއަދު 15:30ގެ ކުރިން އަނބުރާ ގެތަކަށް ދިއުމަށް އަންގައިފަ އެވެ.
އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން، ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު މިއަދު މާލެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައެވެ،
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް އެރީއެވެ. އެއީ 15 ބިދޭސީންނާއި ހަ ދިވެހިންނެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 16 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.