މާލެ ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ސިވިލް ކޯޓު ބަންދުކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތެއް މިއަދު މާލެ އިން ފެނިފައިވާތީ، އެހެން ގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 ން ފެށިގެން އެ ކޯޓު ބަންދުކޮށްފައިވާ ކަމަށާއި، ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކުރެވިގެންދާނެ ކަމުގައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތެއް މިއަދު މާލެ އިން ފެނިފައިވާތީ، އެހެންގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 ން ފެށިގެން މިކޯޓު ބަންދުކުރެވިފައިވާކަމަށާއި، ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކުރެވިގެންވާ ކަމުގައި ދެންނެވީމެވެ.
— MV Civil Court (@MVCivilCourt) April 15, 2020
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސިވިލް ކޯޓުން ވަނީ ނިމިގެންދިޔަ މާރިޗު މަހުގެ ތެރޭގައި އެ ކޯޓުގެ އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމަށާއި، އީމެއިލްގެ ޒަރީޔާއިން މައްސަލަ ހުށަހަޅަންޖެހޭ ގޮތަށް ނިންމައިފަ އެވެ.
މީގެ އިތުރުން ސިވިލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކުގައި ހިމެނޭ ފަރާތްތަކާއި މުޢާސަލާތު ކުރާނެ ފަރާތެއްގެ އީމެއިލް އެޑްރެސް އަދި މޯބައިލް ފޯނު ނަންބަރު ލިޔުމަކުން ކޯޓަށް އަންގަން ޖެހޭނެ ކަމަށާއި، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކޯޓުގައި ރަޖިސްޓްރީވުމަށް ކޯޓުން އުފައްދާފައިވާ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށްވެސް އެ ކޯޓުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ސިވިލް ކޯޓުގެ އިތުރުން ޝަރުޢީ އެހެން ކޯޓުތަކުންވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.