ށ. ފީވަކުގައި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އޭޕްރީލް 13 ވަނަ ދުވަހުގެ ރޭ ށ. ފީވައް ސްކޫލްގައި ކޮވިޑް-19 ގެ ރަށު ޓާސްކްފޯސް ބައްދަލުވުން ކުރިއަށްދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގަމުންދާކަމުގެ މަޢުލޫމާތު ލިބިގެން، އެތަނަށް ފުލުހުން ދިއުމުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން އޭޕްރީލް 13 ވަނަ ދުވަހުގެ ރޭ 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހަމަ އެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، 25 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް އަދި 28 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.