English Edition
Dhivehi Edition
ފިހާރައިން ވަގަށް ނެގި ބައެއް ތަކެތި - ފޮޓޯ: ޕޮލިސް

ބިޒް މޯބައިލް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ މުދާ ވަގަށް ނެގި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދުގައި ބިޒް މޯބައިލް ފިހާރަ ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން 75،000ރ. އަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ ފިހާރައިން ވަގަށް ނެގި ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް 62،000ރ. އަށްވުރެ ގިނަ ފައިސާގެ ތަކެތި ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވަގަށް ނެގި ތަކެތީގެ ތެރެއިން މިހާތަނަށް ނުހޯދި ހުރި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާއި ގުޅިގެން މާރިޗު 30 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މާރިޗު 31 ވަނަ ދުވަހު އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންވެސް ވަނީ އެ ފިހާރައިން ވައްކަން ކުރި ކަމަށް އެއްބަސްވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ތެރެއިން ފިރިހެން މީހާ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމަޢުއަށް ދޫކޮށްލާފައި ހުރި މީހެއް ކަމަށާއި، އޭނާ އެ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފީ ކަމަށް ބަލައި މާރިޗު 31 ވަނަ ދުވަހު އޭނާ ކަރެކްޝަންސް އާއި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.