English Edition
Dhivehi Edition

ކޮންމެ މަންމައަކާއި ބައްޕައަކުވެސް މަސައްކަތްކުރަނީ އެމީހުންނަކީ ދަރިންނަށް ރަގަޅު ނަމޫނާ ދައްކާ، އެންމެ ރަގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރާ ބެލެނިވެރިންނަށް ވުމަށެވެ. އެހެންނަމަވެސް ބައެއް ފަހަރު ބެލެނިވެރިންނަށްވެސް ގޯސްކޮށް ކަންތައްތައް ކުރެވޭ ފަހަރު އާދެއެވެ. ބައެއް ފަހަރު ދަރިންނާއި ވާހަކަދައްކާ ގޮތުން، ނުވަތަ ބުނެވޭ ބަހަކުންވެސް މާނަ ނުބައިކޮށް ނެގި ނުރަގަޅު ކަންތައްތައް ކުރުމަށް މަގުފަހިވެގެންދާތަން އާދެއެވެ. އެހެންނަމަވެސް އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެ ކަން ގަބޫލުކޮށް އެކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަގަޅުގޮތްކަމާއި މެދު ޝައްކެތް ނެތެވެ.ބެލެނިވެރިން އަބަދުވެސް ދަރިންނާއި ވާހަކަދައްކާއިރު އެކުދިންގެ އުމުރާއި ގުޅޭ ގޮތަށް ކަންތައްތައް ކިޔައިދީ ވިސްނައިދޭން އުޅޭ ނަމަ އެކަމުގެ ރަގަޅު އަސަރު ދަރިންނަށް ކުރާނެއެވެ.އެހެންކަމުން އަބަދުވެސް ދަރިންނާއި މުހާތަބު ކުރާއިރު ބެލެނިވެރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ.

ރޯންފަށާއިރަށް ގަދަކަމުން ހުއްޓުވާލުން: ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. ދަރިން ކަމަކާ ހިތްހަމަނުޖެހި، ރުޅިގަދަވެ ރޯންފަށާ ކޮންމެ ފަހަރަކު މައިންބަފައިން ރުއިން ހުއްޓާލަން ނަސޭހަތްދެއެވެ. ނުވަތަ ގަދަކަމުން ރުއިން ހުއްޓުވާލުމަށް ‘އަމުރު’ ކުރެއެވެ. އެހެންނަމަވެސް މިއީ އެންމެ ރަގަޅު ގޮތެއް ނޫނެވެ. ރުއިމަކީ ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ހިތްދަތިވުމުން ނުރޮއި ހުންނަން އާދަކޮށްފިނަމަ ހިތާއި ސިކުނޑިއަށް ބާރުބޮޑުވާގޮތްދިމާވެ ދިރިއުޅުމުގެ ވަކި ހިސާބަކުން ތިމާގެ އިހްސާސްތައް ބޭރުކުރުމުގައި ފަސްޖެހެއެވެ.ސައިކޮލޮޖިސްޓުން ދެކޭގޮތުގައި ހިތްދަތިވާ ކޮންމެ ފަހަރަކު ހިތްފުރެން ދެން ރުއިމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމަކީ ސިއްހީގޮތުން ފައިދާހުރިކަމެއް ކަމުގައި މެޑިކަލް ތަޖުރިބާކާރުންވެސް ދެކެއެވެ.

“ދަރިފުޅަކީ ވަރަށް ފަލަ ކުއްޖެއް”: ‘އެހާ ގިނައިން ނުކާށޭ. ދަރިފުޅު މިހާރުވެސް ނުލާހިކު ފަލައޭ” ބުނުމަކީ ދަރިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހޭނެކަމަކެވެ. މައިންބަފައިންނަށް ނޭގި ނަމަވެސް ބުނެވޭ މި ފަދަ ބަސްތަކުގެ ސަބަބުން އެހެން މީހުންނާއި މެދު ތިމާ ދެކޭ ގޮތްވެސް ވަރަށް ބޮޑު ބަދަލުވެގެން ދެއެވެ، އެހެންމީހުންގެ ސިފައަށް ފާޑުކިޔުމުގެ އިތުރުން މިއީ ގަނާކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްކަން ޔަގީނެވެ. އަބަދުވެސް ގަނާކުރުން ފެށިގެން އަންނަނީ ގޭތެރެއިން ކަމުގައި ދެކެވޭ ވާހަކައަކީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއްކަން ޔަގީނެވެ. އެހެންކަމުން ދަރިފުޅާއި ދިމާލަށް މިފަދަ ބަސްތައް ބުނުމުގެ ބަދަލުގައި ފުރިހަމަ ސިއްހަތެއްގެ މުހިއްމުކަން ދަސްކޮށްދީ އެކުދިން ކަސްރަތުކުރުން ފަދަ ދިރިއުޅުމުގެ ރަގަޅު އާދަތަކަށް ހާނާށެވެ.

‘ދަރިފުޅަށްވުރެ އެހެންކުދިން މާ މޮޅު”: މިއީ އާންމުކޮށް ގޭތެރޭގެ މާހައުލުގައި ވަރަށް ގިނަ ފަހަރަށް ދަރިންނާއި ދިމާލަށް ބުނެވޭ ބަހެކެވެ. އެއްބަނޑު އެއްބަފާ އެހެން ކުދިންއަޅާ ކިޔުމަކީ ކުދިންގެ މެދުގައި ހަސަދަވެރިކަމާއި ނަފްރަތު އުފެދިގެން ދާނެ ކަމެކެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އަބަދުވެސް ތިމާއަކީ އެންމެ ކަންތައްތައް ނުކުރެވޭ މީހާކަމުގައި ދެކެން ފަށާ އެއް ސަބަބެވެ، އެހެންކަމުން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ބެލެނިވެރިން ވިސްނަންޖެހޭނެއެވެ. ދަރިންގެ މެދުގައި ތަފާތުކުރުމަށް ދެއްކޭ ވާހަކަތައް ހުއްޓާލަންޖެހެއެވެ. އެހެން ނޫނީ ފަހުން އޭގެ ނޭދެވޭ އަސަރު ދަރިންނަށް ކުރާނެކަމާއި މެދު ޝައްކެއް ނެތެވެ،

ވަކި ޖިންސަކަށް ހާއްސަ މަސައްކަތް: ބެލެނެވެރިން ދެކޭ ގޮތުގައި އެންމެ ތުއްތުއިރުން ފެށިގެން އަންހެން ކުދިން ކުރަންޖެހޭނީ ވަކިކަހަލަ މަސައްކަތެކެވެ. އަދި ފިރިހެން ކުދިން ކުރަންޖެހޭނީ ވަކި ކަހަލަ މަސައްކަތެކެވެ. ދަރިން ކުޑައިރު ކުޅޭ އެއްޗެހި ގަނެދޭ އިރުވެސް އެންމެ ބޮޑު އިސްކަމެއް ދެވެނީ އެ ޖިންސަކާއި ގުޅޭ އެއްޗެއް ގަނެދެވޭތޯއެވެ. އެހެންނަމަވެސް މިއީ ރަގަޅު ގޮތެއް ނޫނެވެ. އަބަދުވެސް ބެލެނެވެރިން ދަރިންނަށް ވިސްނައިދޭންޖެހޭ ކަމަކީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނެތްކަމެވެ. އެކުއްޖެއްގެ ގާބިލުކަމާއި، ހުނަރާއި ޝައުޤުވެރިކަން އުފެދިފައިވާ ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމެވެ. ހަމަ މިއާއި އެކު ގޭތެރޭގެ ކުދިކުދި މަސައްކަތްތަކަކީވެސް ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނޫންކަން ދަރިންނަށް ވިސްނައިދީ އެކުދިން ލައްވާ އެ މަސައްކަތްތައް ކުރުވަން ޖެހެއެވެ.

އެހެންކުދިންނަށްވުރެ ދަރިފުޅު މާ މޮޅު: ބެލެނިވެރިން ދައްކާ ވާހަކަތައް ދަރިން ވަރަށް ފަސޭހައިން ގަބޫލުކުރާނެއެވެ. ކުދިން ބަސްއަހާ ވާހަކައާއި އެ ކުދިން ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތައުރީފުކުރުމަކީ މުހިއްމު ކަމެކެވެ. އެހެންނަމަވެސް އެހެން ކުދިންނަށްވުރެ ދަރިފުޅު މޮޅު ކަމަށް ވިސްނައިދިނުމަކީ ދަރިންނަށް އެކަމުން ނުބައި މެސެޖެއް ލިބިދާނެ ކަމެކެވެ.މި ގޮތަށް އަމަލުކުރާނަމަ އެހެން ކުދިންނަކީ ތިމާއަށްވުރެ ދަށް ކުދިން ކަމުގައި ދެކި ކުދިންގެ މެދުގައި ނުތަނަވަސްކަން އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަބަދުވެސް ދަރިފުޅުކުރާ ރަގަޅުކަންތައްތަކަށް ތައުރީފުކުރާއިރު އެހެން ކުދިންނާއި އަޅުވާ ނުކިޔާށެވެ.