English Edition
Dhivehi Edition

ދަރީންނަކީ މާތްﷲ އަހަރުމެންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެކެވެ. މި އަމާނާތް ހެޔޮގޮތުގައި ބެލެހެއްޓުމަކީ އަހަރުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުއްޖާ ދުނިއެއަށްް އަންނަނީ ފިތުރަތުގެ ސާފުތާހިރު ކަންމަތީގައެވެ. އެހެންކަމުން ކުއްޖާވަށައިގެން ވާ މާހައުލުން ކުއްޖާއަށް ލިއްބައިދޭ ރަނގަޅު އަދި ނުރަނގަޅު ސިފަތަކަކީ މައިންބަފައިން އެކަމުގެ ފުރިހަމަ ޒިންމާނަގަންޖެހޭ ކަންކަމެވެ.

އެންމެފުރަތަމަ ކުއްޖާ ފިޔަވަޅު އެޅުން، ހިނިތުންވުން، އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ “ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ޙާޞިލްކުރަނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ.

ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި އެކުއްޖެއްގެ ހެދިބޮޑުވުމުގައި ވަށައިގެންވާ މާހައުލުގައި ހުންނަ ތަކެތި ހޯދައި، ބަލައި، ދަސްކުރަން މަސައްކަތްކުރާނެ އެވެ. ސިކުނޑީގެ ހެދިބޮޑުވުމުގައި ހިމެނެނީ ހަނދާންކުރުމާއި، ވާހަކަ ދެއްކުމާއި، ވިސްނުމާއި، އުގެނެން ދަސްކުރުން ފަދަ ކަންތައްތަކެވެ. ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއިން ފުރަތަމަ އަހަރުގައި އަޑުތައް ލެއްވުމާއި، މަންމަ، ބައްޕަ، ކިޔުން ފަދަ ކަންކަން ހިމެނެއެވެ. އަޑުއެހުމާއި، ނަގައިގަތުން، އަދި މީހުންގެ ނަން އެނގުން ފަދަ ހުރިހާ ކަމެއް ހިމެނެނީ ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއިން އެނގިގެންދާ ކަންކަމުގެ ތެރޭގައެވެ. ހެދިބޮޑުވުމުގެ މިމަރުހަލާގައި މައިންބަފައިންނާއި އޮންނަ ގުޅުމާއި، އިތުބާރު ދަރިންނާއި މައިންބަފައިންގެ މެދުގައި އުފެދިގެންދެއެވެ. ތުއްތު ދަރިފުޅު އުރާލުމާއި، ބައްދާލުމާއި، އަތުގައި ހިފުމާއި، ހިފައިގެންގުޅުމުގައި މައިންބަފައިން ގެންގުޅޭ އުސޫލްތަކާއި އާދަތަކަކީ އެކުއްޖެއްގެ މުސްތަގުބަލްގައި އެހެންމީހުންނާއި އެކު ބިނާވެގެންދާ އިޖުތިމާޢީ ގުޅުންތަކުގެ އަސާސަށް އޮންނާނީ ވެފައެވެ.

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައް ތަކުގެ ތެރޭގައި ދަރިފުޅާ ގިނަގިނައިން ވާހަކަ ދައްކާ އަދި ތުއްތު ދަރިފުޅު އަޑުތައް ލައްވައި ހެދުމުން، އެއަށް އިޖާބަ ދިނުމުގެ ގޮތުން އެއަޑު ތަކުރާރުކުރުމާއެކު، ޖަވާބު ދޭށެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް ބަސް ދަސްކުރަން ފަސޭހަވެއެވެ. ދަރިފުޅު ކުރާ ކަންތައް ކައިރިން ބަލަމުން ދަރިފުޅު ކުރާ ކަންކަމަށް އިޖާބަދޭށެވެ. ވާހަކަ ،މިއުޒިކް ،ޤުރުއާން ކިޔައިދޭށެވެ. މިއީ ދަރިފުޅަށް އަޑުތައް ނަގައިގަތުމާއި، ވާހަކަ ދެއްކުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަމައެހެންމެ މިކަމުން ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ. ތުއްތު ދަރިފުޅަށް އަބަދުވެސް އޯގާތެރިވެ، ލޯތްބާއި ސަމާލުކަން ދޭށެވެ. ތުއްތު ދަރިފުޅު ކައިރީގައި ގިނަ ވަގުތު ހޭދަކުރާށެވެ. މިއީ ތުއްތު ދަރިފުޅަށް އަލާޅުމާއި، ރައްކާތެރިކަން ލިބޭކަން އިހުސާސް ކޮށްދޭ ކަންކަމެވެ.

ދަރިިފުޅުގެ ރައްކާތެރިކަމަށް ވަރަށް ފަރުވާތެރިވާށެވެ. އެއްގޮތަކަށްވެސް ތުއްތު ދަރިފުޅު ހަލުވައި ތަޅުވައި ހަދައިގެން ނުވާނެ އެވެ. ތުއްތު ކުދިންގެ ކަރުގެ މަސްތަކަކީ މިއުމުރުގައި ބާރުދެރަ މަސްތަކަކަށް ވުމުން މިއުމުރުގައި ކަދުރާއަށް ލިބެންޖެހޭ ހިފެހެއްޓުންތެރިކަން އެންމެ ރަގަޅަކަށް ލިއްބައެއް ނުދޭނެ އެވެ. އެހެންކަމުން ތުއްތު ދަރިފުޅު ހަލުވައި ތަޅުވައި ހެދުމަކީ ސިކުނޑިއަށް ގެއްލުން ލިބި، ފުރާނައަށް ގެއްލުންވެދާނެ ކަމެކެވެ. ތުއްތު ދަރިފުޅު ބަންޑުންއޮވެ ނިދިޔަ ދީގެންނުވާނެ އެވެ. އެހެނީ މިއީ ތުއްތު ދަރިފުޅު ނޭވާހާސްވެ ކުއްލިއަކަށް މަރުވެދާނެ ކަމެކެވެ. ގަވާއިދުން ވެކްސިން ދީ ހެދިބޮޑުވާ މިންވަރު ބަލާށެވެ. ވެކްސިނަކީ ބަލިތަކުން ދިފާއުކޮއްދޭ އައްޑަނައެކެވެ. ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން ކިބައިން ދަރިފުޅު ރައްކާތެރކުރާށެވެ. ދުންފަތުން ދަރިފުޅަށް ނޭދެވޭ އަސަރުކުރެއެވެ. ދަރިފުޅު ވަށައިގެން ވާ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދާށެވެ. ދަރިފުޅަށް ގެއްލުން ލިބޭކަހަލަ އެއްޗެހިތައް އަތްނުފޯރާނެހެން ބަހައްޓާށެވެ.ކާންދޭއިރު ދަރިފުޅައް ކެވޭނެހެން ޗަސްކޮށްްފަ ބަހައްޓާށެވެ. އެހެނީ ދިރުވާލަން އުނދަގޫވަރަށް ހުރުމުގެ ސަބަބުން ކޮށި އަރާ ނޭވާހާސް ކުރުވައެވެ.

ދުޅަހެޔޮ ކަންމަތީގައި ދަރިފުޅު ބޮޑުކުރުމަށްޓަކައި ހަމަސް ވަންދެން ގާތުން ހުއްޓާނުލާ ކިރުދޭށެވެ. ހަމަސް ވުމުން އޮއްޓަރު ހުރި ކާނާ ފަށާށެވެ. އެހެންނަމަވެސް ހުއްޓާނުލާ ގާތުން ކިރުދޭންވާނެއެވެ. ދަރިފުޅށްް އެންމެ ރަނގަޅީ މައިމީހާ ގާތުން ދޭ ކިރެވެ. ކާންދޭ އިރު ފަރުވާތެރިކަމާ މަޑުމައިތިރި ކަމާއެކު ދޭށެވެ. ގަދަކަމުން ކާން ނުދީ ކުއްޖާއަށް އެކި ރަހަތަކުގެ ކާނާ ދޭށެވެ. ކުއްޖާ ކުރާކަންތައް ގަދަކަމުން ހުއްޓުވާ ނަހަދާށެވެ. ކުއްޖާއަށް ކަންތައްކުރުމުގެ ފުރުސަތުދީ ހަރާކާތްތެރިވެ އުޅުނަދޭށެވެ.
ގިނައިރު ޓީވީ، ކޮމްޕިއުޓަރު، ޓެބްލެޓް، އައިޕެޑް، ފޯން ފަދަ ތަކެއްޗަށް ބެލިޔަނުދޭށެވެ. 2 އަހަރުން ދަށުގެ ކުދިން އެއްވެސް ކަހަލަ ސްކްރީން މީޑިޔާއެއް ބަލައި ބޭނުންކޮށް ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.

ދަރިންނަށް ރީތި އާދަކާދަ ބުނެދިނުމަކީ މުހިންމު ކަމެކެވެ.