English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ކުށާއި ދަރަނީގެ ރެކޯޑު އީމެއިލްގެ ޒަރީޔާއިން ސާފުކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު [email protected] އަށް މެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރެއްވުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ.

މީގެ އިތުރުން ޑީޖޭއޭ އިން ބުނީ އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު 7766768 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށެވެ.

ޑީޖޭއޭ އިން މިއަދު މިގޮތަށް ނިންމާފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޝަރީޢަތްތައް ހިންގާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް އެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތްތައް ކުރިއަށްގެންދިއުމަށް އެންގުމަށް ނިންމައިފަ އެވެ.