English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ‘ކޯވިޑް-19 ވިޔަފާރި އެހީ’ ގެ ނަމުގައި އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް މިއަދު ތަޢާރަފްކޮށްފިއެވެ.

އެސްޑީއެފްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތަޢާރަފްކޮށްފައިވާ ލޯނެއް ކަމަށެވެ.

އަދި އެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށް ކަމަށާއި، އެލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނޭ ކަމަށެވެ.

އަލަށް ތަޢާރަފްކުރެވުނު މިލޯނުން ކޯވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެ އިއުލާނުގައިވާ ގޮތުން 08 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން އެ ލޯނަށް އެޕްލައިކުރެވޭނެއެވެ. އަދި އެ ލޯނާއި ބެހޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.