އިއްޔެ ނިޔާވި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަޙްމަދު ނުޢުމާން އަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Ahmed Nooman akee madhrasee dhaurusure alhuganduge rahmaiytherieh adhi 2018 ga gulhifaivaa i’thihaadh ge therein alun ekugai massaikkaiy kurevunu. Nooman akee varah qaabil beyfulheh. Maiy Allah marhoom ah suvaruge minvaru kuravvashi. Aameen.
— Mohamed Nasheed (@MohamedNasheed) April 8, 2020
އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ އަޙްމަދު ނުޢުމާން އަކީ މަދުރަސީ ދައުރުއްސުރެ އެމަނިކުފާނުގެ ރަޙުމަތްތެރިއެއް ކަމަށާއި، އަދި 2018 ވަނަ އަހަރު ގުޅިފައިވާ އިއްތިޙާދުގެ ތެރެއިން އަލުން އެކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ނުޢުމާން އަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
“މާތްﷲ މަރުޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން”، އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ނުޢުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު ޢުމުރަކީ 47 އަހަރެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުޢުމާން ޢައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުޢުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމާތް ފުރަތަމަ ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން ކަމުގެ މަގާމުވެސް ނުޢުމާން ފުރުއްވާފައިވެއެވެ.
ނުޢުމާން އަވަހާރަވީއިރު، އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.