English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީ ފޭދޫން މަސްތުވާތަކެތި ހޯދައި މަރަދޫން ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ އޮޕަރޭޝަނުގެ ތެރެއިން މަރަދޫގައި ބަޔަކު ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނަކު ކަމަށާއި، އެ ދެ މީހުންނަކީވެސް ދިވެހިން ކަމަށެވެ.

މި އެޕްރީލް މަހުގެ 7 ވަނަ ދުވަހުރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އެޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރޭ ހިންގި އިތުރު އޮޕަރޭޝަނެއްގައި، ބޯޓަކަށް އަރުވާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގްސް ކަމަށް ބެލެވޭ ބޭސްގުޅަ ތަކެއްގެ އިތުރުން މަނާ ބޭސްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އެ ދެ މައްސަލަވެސް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.