ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ، އަޙްމަދު ނުޢުމާން ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނުޢުމާން ނިޔާވެފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރައްވަން އިންޑިއާގެ ބެންގަލޫރަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ނުޢުމާން ޢައްޔަނުކުރައްވާފައި ވަނީ 11 ޑިސެންބަރު 2018 ވަނަ ދުވަހު އެވެ. ނުޢުމާން އަކީ އަދާލަތު ޕާޓީގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގެ ރައީސްކަންވެސް އަދާކުރައްވަމުން އައި ބޭފުޅެކެވެ.
ނުޢުމާން ނިޔާވުމާއި ގުޅިގެން އަދާލަތު ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނުޢުމާން ނިޔާވި ޚަބަރަކީ އެ ޕާޓީއަށާއި ދިވެހި ޤައުމަށް ލިބުނު ހިތާމަވެރި ޚަބަރެއް ކަމަށެވެ.
Mi hiydhathi dhandivalhugai aailaa ah keiytherikan dhevvun edhi dhua kuraa haalu thauziyaa dhannavameve. Dua aki Akh Ahmed Numan ge furaana fulhah Allah rahumai lavva suvarugeyge dhaaimi niumah minvaru kurevvun. Aameen
انا لله وانا اليه راجعون
— Adhaalath Party (@AdhaalathOffice) April 7, 2020
ނުޢުމާން ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަންގެ މަޤާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ހައުސިންގ މިނިސްޓްރީގެ މަޤާމުތައްވެސް ފުރުއްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެ ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.
ނުޢުމާން މިރޭ ނިޔާވިއިރު، އަނބިކަނބަލުންނާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.