English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދަސްވެނިވި ދަރިވަރުންތަކެއް - ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ބަންދު ނަމަވެސް ދަރިވަރުންނަށް ލޯނުގެ ފައިސާގެ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މި ދުވަސްވަރު ސަރުކާރު ބަންދު ކަމުގައި ވީނަމަވެސް، މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނުގައާއި، ސްކޮލަރޝިޕާއި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި މަތީ ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ތާވަލްތަކުގައި ވާ ގޮތުގެ މަތިން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

“ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ ދެ ބަޔަކަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތީންނެވެ. އެކި ޔުނިވަރސިޓީ/ކޮލެޖްތަކުން އެކި ކޯސްތައް އެކި ދުވަސްވަރު ފަށާތީ އެކި ދަރިވަރުންނަށް އެކަޑެމިކް އަހަރު ފެށި، އެ އަހަރު ނިމެނީ އެކި ދުވަސްވަރު އެވެ. އެ ދަރިވަރެއްގެ އެކަޑެމިކް އަހަރު ކަމުގައި ބަލަނީ ކޯސް ފެށި ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ. މިސާލަކަށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯސް ފެށި ދަރިވަރެއްގެ ފުރަތަމަ އެކަޑަމިކް އަހަރަކަށް ވާނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި އަހަރުގެ މާރިޗް މަހަށެވެ. އެފަދަ ދަރިވަރަކަށް 2 ވަނަ އެކަޑެމިކް އަހަރު ފެށޭނީ މި އޭޕްރީލް މަހުއެވެ. 2 ވަނަ އަހަރުގެ ފައިސާގެ ފުރަތަމަ ބައި ދަރިވަރަށް ލިބޭނީ 2020 ވަނަ އަހަރުގެ މާރިޗް/އޭޕްރީލް މަހުގެ ތެރޭގައެވެ. މިހާރު ޢަމަލުކުރަމުންދާ އުސޫލުގައިވާ ގޮތުން، ފައިސާ ދެމުންދާނީ ދަރިވަރަށެވެ.”، އެ ބަޔާނުގައި ވެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރަކު ތަޢުލީމް ހާސިލްކުރަމުންދާ ކޮލެޖް/ޔުނިވަރސިޓީ އަކަށް، އެތަނަުން އަންގާ ގޮތެއްގެ މަތީން ފައިސާ ދައްކަމުން ގެންދިއުމަކީ ދަރިވަރުގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ސްކީމްގެ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލް ބެލޭނެ އިންތިޒާމެއް ޤާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރު އެ ސްކީމް ފެށުނުއިރު ކަރުދާސް (ހާޑް ކޮޕީ) އެޕްލިކޭޝަނެއް އެ މިނިސްޓްރީއަށް ހުށަހަޅައިގެން ސްކީމްގެ ބައިވެރިވި ދަރިވަރުން އޭގެ ފަހުން ޕޯޓަލްގައި ރަޖިސްޓަރ ވެފައި ނުވާނަމަ، ލަސްނުކޮށް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެންގި ނަމަވެސް، އަދިވެސް ބައެއް ދަރިވަރުން ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާތީ އަވަހަށް އެކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ އެއްވެސް ދަރިވަރެއްގެ އެޕްލިކޭޝަން އެ ދަރިވަރު ޕޯޓަލްއިން ބަލާއިރު އެޕްލިކޭޝަން އިންކޮމްޕްލީޓް ސްޓޭޓަސްގައި އޮތްނަމަ، ވީ އެންމެ އަވަހަކަށް އެ ޕޯޓަލްގައި ދީފައިވާ އިރުޝާދުތައް ރަނގަޅަށް ކިޔުމަށްފަހު އެކަން ފުރިހަމަކޮށް، އެޕްލިކޭޝަން ރީސަބްމިޓް ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

“ޕޯޓަލްގައި ރަޖިސްޓްރީވުމަށާއި އެޕްލިކޭޝަން ފުރިހަމަ ކުރުމަށް ދަރިވަރުންނަށް ބާރުއެޅުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ވީއެންމެ އަވަހަށް ދަރިވަރުންނަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުމެވެ.”، އެ ބަޔާނުގައި ވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދަކާ ގުޅިގެން ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމް މިދިޔަ އަހަރު ތަޢާރަފް ކުރިފަހުން މިހާތަނަށް އެ ޕްރޮގްރާމްގައި 6000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި ޖުމްލަ 96.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި ސަރުކާރުން އެ ދަރިވަރުންނަށް ޚަރަދުކޮށްފައިވާ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.