English Edition
Dhivehi Edition

އެންމެފަހު ފަތުރުވެރިޔާ ފުރައިގެން ދިޔުމުން 15 ސަފާރީއަކާއި 4 ރިސޯޓުން މީހުން ފޭބުމުގެ ހުއްދަ ދީފިއެވެ.

މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދިނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓާއި ބްރެނިއާ ކޮއްޓެފަރު ރިސޯޓުގެ އިތުރުން ރަހާ ރިސޯޓާއި ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް ރިސޯޓަށެވެ. ސަފާރީތަކަކީ ސްޓެއްލާ 2، ހަމަތި، ކޯންޓެ މެކްސް، އޯވަރ ރީފް، ސީ ކޮރަލް ވޮޔޭޖްސް މޯލްޑިވްސް، މެޖިކް ލޭންޑް މޯލްޑިވްސް، ތިއާ ސަފާރީ، އައްސިދަ ސަފާރީ، ލިއޯ، ނޯއާ ސަފާރީ، ސްޓެއްލާ 1، އެންޒިސް ފެސިލިޓީ، ސޮލެއިލް 1، ޕްރިންސިސް ނޫރް އަދި މޯލްޑިވްސް މޮޒާކީ އެވެ. މިއީ، ރިސޯޓްތަކުގެ މީހުން ފޭބުން މިދިޔަ މަހު މަނާ ކުރި ފަހުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތު ދަށުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ރަށްރަށަށް މީހުން ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ އެކަމުގައި ލުއިތަކެއް ދިނުމުގެ ގޮތުން އެންމެ ފަހު ޓޫރިސްޓު މީހާ ރިސޯޓުން ފުރާތާ 14 ދުވަސް ހަމަވުމަށް ފަހު އެޗްޕީއޭގެ ހުއްދަ ލިބިގެން ފޭބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތައް ވަނީ ހުއްޓުމަކަށް ގޮސްފައެވެ. އެހެންކަމުން ރިސޯޓުތަކުގައި މިހާރު ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަހުގެ ތެރޭގައި ރިސޯޓުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެއެވެ. މުވައްޒަފުން ރިސޯޓުން ފޭބުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސާދަ ދުވަހުގެ މުއްދަތަކީ ކޮވިޑް19 އާ ގުޅިގެން މީހުން ކަރަންޓީނު ކޮށްފައި ބައިތިއްވާ މުއްދަތެވެ.