މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން، އަންނަ ހުކުރު ދުވަހުން ފެށިގެން ދުނިޔޭގެ ތަފާތު 73 ގައުމަކަށް ދަތުރުފަތުރުކުރުން ހުއްޓާލުމުގެ އަމުރަކަށް ޖަޕާނުން އަމަލު ކުރަން ނިންމިނަމަވެސް ކުއްލި ހާލަތު އިއުލާން ކުރާ ހިސާބަށް ކަންތައްތައް އަދި ގޮސްފައިނުވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެއެވެ.
އެގޮތުން، ޖަޕާނުގެ ސަރުކާރުގެ ފަރާތުން މިއަދު ބޭއްވުނު ކޮރޯނާވައިރަހަށް ހާއްސަ ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޗައިނާ އަދި ދެކުނު ކޮރެއާގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކާ ދެމެދު ކުރަމުން އަންނަ ދަތުރުތައް އަންނަ ހުކުރުދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުއްޓާލުމަށް ނިންމާފައެވެ.
މީގެއިތުރުން، ޖަޕާނުގެ ސަރުކާރުން ވަނީ އެހެން ގައުމުތަކުން އަންނަ އެ ގައުމުގެ ހުރިހާ ރައްޔިތުން ވެސް ދެ ހަފްތާ ގެ މުއްދަތަކަށް ސެލްފް ކަރަންޓީނުވުމަށާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި މި ދަނޑިވަޅުގައި ޖަޕާނުގައި ކުއްލި ހާލަތު އިއުލާން ނުކުރި ނަމަވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުންގެންދަނީ ހުރިހާ ރައްޔިތުން ސިއްހީގޮތުން ރައްކާތެރިވެ ބޭތިއްބުމަށް ކަމަށް އަބޭ ވިދާޅުވި އެވެ.
މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަސް އަށް މިހާތަނަށް ޖަޕާނުގެ ގާތްގަނޑަކަށް 2،178 މީހުން ޕޮޒިޓިވްވެފައިވާއިރު، މި ރޯގާ ޖެހިގެން 57 މީހުން ވަނީ މަރުވެފައެވެ.
މީގެކުރިން، ޖަޕާނުގެ ޓޯކިޔޯގައި ޖުލައި 24 އިން އޮގަސްޓް 9 އަށް ބާއްވަން ރޭވި އޮލިމްޕިކް ގޭމްސް2020 ވެސް ވަނީ މި ބަލިމަޑުކަމާއި ގުޅިގެން އަންނަ އަހަރުގެ ޖުލައިމަހަށް ފަސްކޮށްފައެވެ.
މުޅި ދުނިޔޭގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 885,000 އަށްވުރެ އިތުރުވެފައިވާއިރު، މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ އިން އެކަނިވެސް 190،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. މި ބަލީގެ ސަބަބުން މިހާތަނަށް އައިއިރު އެ ގައުމުގެ 4 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ.