English Edition
Dhivehi Edition
ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: ނިއުސް އިން ފްލައިޓް

އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން އެޤައުމުގެ އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ނުދިއުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީ ލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޤައުމުގައި މިވަގުތު ތިބި ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 12 މެއި 2020 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

“މިގޮތުން، މަތީގައި ބަޔާންކޮށްފައިވާގޮތަށް ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، ކުރިން އަންގާފަ އޮތް ގޮތަށް ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިކަންކަން ފުރިހަމަ ކުރުމުގެ ތަފްސީލް އެފަރާތްތަކަށް ހިއްސާ ކުރާނެ ވާހަކަ ވަނީ އަންގާފައެވެ. އަދި 12 މެއި 2020 ގެ ކުރިން ސްރީލަންކާއިން ފުރަން ގަސްދުކުރާނަމަ، ވިސާ ފީ އެއާޕޯޓުން ދެއްކޭނެކަން ވަނީ އަންގާފައެވެ.”، ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ “އެކްނޮލެޖްމެންޓް” ތަކުގެ މުއްދަތު ވެސް ވަނީ 12 މެއި 2020 ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު، ތާރީޚުގެ ކުރިން ފުރަން ގަސްދުކުރާނަމަ، “އެކްނޮލެޖްމެންޓް” ގެ ކޮޕީއަކާއި ދަތުރުކުރަން ހަމަޖެހިފައިވާ ޓިކެޓުގެ ކޮޕީއެއް އެޓޭޗްކޮށް، ޕާސްޕޯޓު އަނބުރާ ހޯދުމަށް އެދި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރުމަށް އަންގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

[email protected]
[email protected]
[email protected]
[email protected]

އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް +94771588724 އާ ގުޅުމަށް ވެސް ވަނީ އަންގާފައެވެ.

އެހެންކަމުން އެ ދުވަސްތަކުގައި ސްރީ ލަންކާއިން ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުވެ، ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށައި، ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވާއިރު، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައިވާއިރު، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައިވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.