English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އެޗްޕީއޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުން އެނބުރި އައި އެ މީހާ އަކީ އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި ހަތަރު ވަނަ ދިވެހި މީހާ އެވެ.

އެގޮތުން އިއްޔެވެސް ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ އަކީވެސް އިނގިރޭސި ވިލާތުން އެނބުރި އައި މީހެކެވެ.

ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ރޭ ނިންމަވައިފަ އެވެ.