English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަސް - ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަނާލުތަކުގައި ދިރިއުޅޭ ދަރިވަރުންގެ ދެ މަހުގެ ހޮސްޓެލް ފީ މަޢާފުކޮށްދީފި އެވެ.

އެގޮތުން އެމްއެންޔޫ އިން މަޢާފްކޮށްދީފައި ވަނީ މާރިޗު މަހާއި އޭޕްރީލް މަހުގެ ހޮސްޓެލް ފީ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޔޫގެ ކެމްޕަސްތައް ބަންދުކޮށް، ކިޔަވައިދިނުމުގެ ހުރިހާ ޙަރަކާތެއް ވަނީ މެދުކަނޑާލައިފަ އެވެ.

އެމްއެންޔޫ އިން ބުނީ ގެއްލިގެންދާ ދުވަސްތަކުގެ ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ޔުނިވަރސިޓީ އަލުން ހުޅުވުމާއެކު ބާއްވާ ފުރަތަމަ އެކެޑެމިކް ސެނަޓުގައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހިންގާ ކޮލެޖް، ޔުނިވަރސިޓީ އަދި ތަމްރީންދޭ ހުރިހާ ތަނެއް ބަންދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ ނިމިގެންދިޔަ މާރިޗު މަހުގެ 14 ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމާފައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 18 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ޖުމްލަ 866 މީހުން ކަރަންޓީނުކޮށްފައި ވެއެވެ.