English Edition
Dhivehi Edition
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ނަރުހުންތަކެއް މަސައްކަތުގައި: ފޮޓޯ އޭއީއެޗް

ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫން ސާމްޕަލް ނަގައި ޓެސްޓްކުރި 3 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫސިޓީން ޓެސްޓް ހެދި 3 ދިވެހިންގެ ސާމްޕަލް ގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އައްޑޫ ސިޓީން ބަލީގެ އަލާމާތް ހުރެގެން ސާމްޕަލް ނަގައި ޓެސްޓްކުރީ، ރާއްޖެއިން ބޭރުން އައި ބައެއްކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓެސްޓް ކުރި މީހާ އަކީ އިންޑިއާގެ ކޮޗިންގައި އުޅުމަށް ފަހު، އައްޑޫ އަށް އައި މީހެކެވެ. އެމީހާ ހުން އައިސްގެން އެންމެ ފުރަތަމަ ދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި އޭނާގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ޝައްކު ކުރެވިގެން އެ ދުވަހުން ފެށިގެން އެކަހެރި ކުރިއެވެ.
އަދި އެވަގުތު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ތިބީ ރައްކާތެރިވުމުގެގޮތުން ލާންޖެހޭ ހެދުމުގައި ނޫންކަމުން އެ ތިން މީހުން އައިސޮލޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން ވަނީ ފިޔަވަޅު އަޅާފައެވެ.

ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ އެމީހަކު އެކަހެރިކުރެވި ކޯވިޑަށް ޓެސްޓްކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި މިގޮތަށް އެކަހެރި ކުރެވޭ މީހުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެ އިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.